މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައިި، ގިނަ އަދަދެއްގެ ބަނގުރަލާއި، މަސްތުވާތަކެއްޗާއެކު ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސްއަށް މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތި ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާ ކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހިންގި މި ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 21 އަަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއް ކަމަށެވެ.
ފުލުހުން ބުނީ މިފަސް މީހުންގެ ތެރެއިން 18 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ސިނާއީ ސަރަހައްދުން ހައްޔަރުކޮށް، އެވަގުތު އެމީހުން ތިބި ކާރު ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ފުޅި ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ 19 އަހަރުގެ މީހާއާއި 21 އަހަރުގެ މީހާ އަދި 22 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހެންވޭރު ގެއަކުން ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 133 ސެލޯފިންކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅަކާއި، ބަނގުރާކަމަށް ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 39 ފުޅިއާއި، ބަނގުރާ ކަަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 395 ދަޅާއި، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް، 18 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާއަށް ފަސް ދުވަހުގެ މުއްދަތު ވަނީ ދީފައިވެއެވެ. އަދި 19 އަހަރުގެ މީހާއާއި 21 އަހަރުގެ މީހާއާއި 22 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި ދެ މައްސަލަވެސް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.