ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމާއި ގުޅުވައިގެން ބަންދެފައިވާ "ކަޅުއޮށްފުންމި" ސައުދީ ރަސްގެފާނަށް ހަދިޔާ ކުރުމަށް ނިންމާފައިވާކަން ސަރުކާރުން ވެސް ކަށަވަރުކޮށްދީފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ސައޫދީ ރަސްގެފާނަށް ހަދިޔާއެއްގެ ގޮތުގައި ކަޅުއޮށްފުންމި ވެދުމަށް އެރުވުމަށް ނިންމާފައިވާ ކަމަށާއި އެކަމަށްޓަކައި ކަޅުއޮށްފުންމި މަރާމާތު ކުރަމުންދާ ކަމަށެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބަނދެފައިވާ ކަޅުއޮށްފުންމި ދިނުމުން ރާއްޖޭގައި އެފަދަ އެއްޗެއް ނޯންނާނެ ނޫންތޯ ރާއްޖެ އެމްވީން ދެންނެވުމުން އޮފިޝަލް ވިދާޅުވީ އިތުރު އެއްޗެއް ފަހުން ބަނދެވިދާނެ ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަޅުއޮށްފުންމި ގެންދިއުމަށް ހަމަޖެހިފައިވަނީ ސައޫދީގެ މަނަވަރުގައެވެ.
ހޯމް މިނިސްޓްރީގެ އެދިލެއްވުމަކަށް ސިފައިންގެ ބެލުމުގެ ދަށުން ކަޅުއޮށްފުންމި ވަނީ މާލެއަތޮޅު ފުނަދޫއަށް ގެންގޮސްފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ "ކަޅުއޮށްފުންމި" މަރާމާތު ކުރަމުންދާ ކަމަށާއި އެކަމަށްޓަކައި "ކަޅުއޮށްފުންމި" ކ. ފުނަދޫއަށް ގެންގޮސްފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ މިމަސައްކަތް ސިފައިން ކުރަމުން ގެންދަނީ ހޯމް މިނިސްޓްރީގެ އެދިލެއްވުމަކަށް ކަމަށެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ސައޫދީ ރަސްގެފާނު ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އަދި ކުރިން މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ހޭދަކުރެއްވުމަށް ހަމަޖެހިފައިވާއިރު މިހާރު މިމަހުގެ 28 އާ ހަމައަށް ރަސްގެފާނު ރާއްޖޭގައި ހުންނަވާނެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު މާލެއަށް ވަޑައިގަތުމާ ދިމާކޮށް ރަސްމީ ފާލަމުގެ ތެރެއަށް ކާރު ވެއްދޭ ގޮތަށް އެފާލަން ވަނީ ބަދަލުކޮށްފައެވެ.
ނަމަވެސް އެކަން ކުރި ފަހުން މިހާރު އަންގަވާފައިވަނީ ސައޫދީ ރަސްގެފާނު މާލެ ވަޑައިގަންނަވާނީ ހެލިކޮޕްޓަރުގައި ކަމަށެވެ. ސައޫދީ ރަސްގެފާނުގެ ދަތުރުފުޅާ ގުޅިގެން މާލެ އަތޮޅުން ފަސްތަރީގެ ތިން ރިސޯޓެއް 13 ދުވަހަށް ވަނީ ބުކްކޮށްފައެވެ.
ތިން ރިސޯޓް އެއްކޮށް ބުކް ކުރައްވާފައިވާއިރު، ސައުދީ ރަސްގެފާނު ޗުއްޓީ ހޭދަކުރައްވަމުން ގެންދަވާ ދުވަސްކޮޅު އެމަނިކުފާނު ހުންނަވާ ރިސޯޓުގެ އެއްވެސް މުވައްޒަފަކު ރިސޯޓުން ބޭރަށް ދިއުންވެސް މަނަ އެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރަސްގެފާނު ދަތުރުކުރައްވާ މަތިންދާބޯޓުގެ އިތުރުން ފަސް މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ރާއްޖެ އާދެއެވެ.
މިދަތުރުފުޅަށްޓަކައި މާލޭގައި ތަފާތު ތައްޔާރީތައް ދަނީ ކުރަމުންނެވެ.