ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހުށަހެޅިފައިވާ ހުރިހާ މައްސަލައަކަށް އިންސާފު ލިބިފައިވާ މިންވަރު ދެނެގަތުމުގެ ހާއްސަ ޕާލިމެންޓްރީ އިންކުއަރީއެއްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮންމެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ މަޖިލީހުގެ ހުރިހާ މެމްބަރުނާއި އެމަނިކުފާނުގެ ނަމުގައި އަރިސްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ލިބިފައިވޭތޯ ބެލުމަށް ޙާއްސަ އިންކުއަރީއެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ވަނީ ފަށާފައިވާކަމަށެވެ. އަދި މިއީ މި ބާވަތުގެ ކަމެއް މި މަޖިލީހުން ކުރާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މި އިންކުއަރީގެ ބޭނުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ލިބޭ މިންވަރު ދެނެގަތުން ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހުށަހެޅިފައިވާ ހުރިހާ މައްސަލައަކަށް އިންސާފު ލިބިފައިވާ މިންވަރު ދެނެގަތުމުގެ ހާއްސަ ޕާލިމެންޓްރީ އިންކުއަރީއެއްގެ އަމަލީ މަސައްކަތް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ވަނީ ފަށާފަ. މިއީ މި ބާވަތުގެ ކަމެއް މި މަޖިލީހުން ކުރާ ފުރަތަމަ ފަހަރު. މި އިންކުއަރީގެ ބޭނުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ލިބޭ މިންވަރު ދެނެގަތުން. އަދި އެކަމާއި ގުޅިގެން މި ބާވަތުގެ ކަންކަން ހިނގާ ސަބަބުތައްވެސް ސާފުވެ، އެފަދަ ކަންކަން ނުހިނގާނޭ ގޮތްތައް، އުސޫލުތައް، އިޖުރާއަތްތައް، އަޅުގަނޑުމެންގެ އެކި އެކި ކަންކަމުގައި ކަނޑައެޅުން.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ދުވަހާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުން ކަށަވަރުކުރުމަށް މަޖިލީހުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ. ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ފާސްކުރެވުނު ކުޑަކުދިންގެ ހައްގުތަކުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލަށް އަލިއަޅުއްވާލައްވާ ރައީސް ނަޝިދު ވިދާޅުވީ އެ ބިލުތައް ފާސްކުރެވުނީ މަޖިލީހުގައި އެ ބިލް އޮންނަތާ 10 އަހަރު ފަހުން ކަމަށެވެ.
10 އަހަރުވެއްޖެ މި ބިލު މި މަޖިލީހުގައި އޮންނަތާ. އަދި ބައިނަލްއަގްވާމީ އެކި އެކި ކަމާބެހޭ ޖަމާއަތްތަކުންނާއި އެކުވެރި ދައުލަތްތަކުން، ހިލޭ ސާބަހަސް މަސައްކަތް ކުރާ ޖަމާއަތްތަކުން މި ބިލު، މި މަޖިލީހުން މި ބިލް ނިންމައި ދިނުމަށް އެތައް ފަހަރަކު އެދިފައިވޭ.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
އަދި ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުންދާއިރު އެ އެންމެހާ ހައްގުތައް ކުޑަކުދިންނަށް ހޯއްދަވައިދެއްވައިފިކަން މަޖިލީހުގެ މެމްބަރުންނަށް ފަހުރުވެރިކަމާއެކު ބުނެވެން އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.