ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ އިސް މެންބަރެއްކަމަށްވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލަކަށް ހުންނަވާ ކުރައްވާ މަސައްކަތަށް މަރުހަބާ ދަންނަވަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ ޖޭޕީގެ ލީޑަރ ގާސިމް މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ އެޕާޓީއަށް އަލަށް ގުޅުނު މެންބަރުންގެ ފޯމް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ގާސިމް ވިދާޅުވީ ޔާމީންގެ ޝަރީއަތުގައި ވަކީލުކަން ކުރައްވާ ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެކި ތަންތަނުގައި ވަކާލާތުކުރައްވަމުން ގެންދަވާ ތަން ފެނިވަޑައިގަންނަވާ ކަމަށާއި، އެއީ ވިސްނުންތެރި ވަކީލެއްގެ ހައިސިއްޔަތުން ޑރ. ޖަމީލް އެ ކުރައްވާ މަސައްކަތަކީ އެމަނިކުފާނަށް މަރުހަބާ ކިޔަންޖެހޭ ކަމެއް ކަމަށެވެ.
އެއްގޮތަކަށް ވެސް އަޅުގަނޑުމެން ދެކޮޅު ހަދާ ކަމެއް ނޫން. އެމަނިކުފާނުގެ ޕްރޮފެޝަންގައި ކުރައްވާ މަސައްކަތްތެއް. އަޅުގަނޑުމެން އެއްވެސްގޮތަކަށް ވަކިފަރާތަކަށް ޖެހުމެއް ނޫން. އެމަނިކުފާނާ ގުޅޭގޮތުން މިގޮތަށް އަޅުގަނޑު ވާހަކަ ދެއްކުމަކީ،ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
ގާސިމް ވިދާޅުވީ ގައުމުގެ ސަލާމަތާއި އަމާންކަމާއި އަދި ޕޮލިޓިކަލް ބެލެންސް އެއް ހަމައެއްގައި ބާއްވާފައި ކަންކަން ކުރިއަށްގެންދެވޭނީ އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ގޮތުން މަސައްކަތްކުރާ ޕާޓީތަކުގެ މެދުގައި ހަމަހަމަ ކަމެއް އޮވެގެން ކަމަށެވެ. އަދި އެއްއަތަށް ބަރުވެގެން ގޮސް އަރިއަޅާލައިފިއްޔާ ވެދާނެ ގޮޔާމެދު ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ.
އެމްޑީޕީގެ ތިލަފަތް އިންނަނީ ކިހިނެއްތޯ؟ އެމީހުންގެ ތިލަފަތް އިންނަނީ ދެފަރާތް ހަމަހަމަކޮށް. އެއްކޮޅަކަށް ޖެހެފައި ނޫން އިންނަނީކީ. މި ދެންނެވީ ލޯގޯގައި އިންނަ ގޮތް. އަމަލުތައް ހުރީ ކޮންގޮތަކަށް ކަމެއް އަޅުގަނޑު ދަންނަވާކަށް ނެތިން،ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
މީގެ ކުރިން ކޯލިޝަން ސަރުކާރުތަކުގައި ޖޭޕީއަށް އިހާނެތިކޮށް ހެއްދެވިކަން ފާހަގަކުރައްވަމުން ގާސިމް ވަނީ އަންގާރަ ދުވަހުގެރޭ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތައުރީފްކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި މީހުންގެ މެދުގައި ތަފާތުކޮށް އަނިޔާވެރިވާ ނަމަ އޭނާ ރައީސަށް އެގޮތަށް ތައުރީފް ނުކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.