ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގައިވާ ގޮތުން، ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ރައީސަށް ފޮނުވާފައިވަނީ، މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީންނެވެ. އެމައްސަލަ ޖުޑިޝަރީ ކޮމެޓީން މަޖިލީހުގެ ރައީސަށް ފޮނުވާފައިވަނީ، މަޖިލީހުގެ ޤަވާއިދުގެ 210 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެމަތިން މަޖިލީހުގައި އެކަން އިޢުލާންކުރުމަށެވެ.
މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަޤިއްލު މަޤާމު ތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމާބެހޭ ގޮތުން މަޖިލީހުގެ ޤަވާއިދުގެ 210 ވަނަ މާއްދާގެ (ށ)ގައި ބުނަނީ، މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަޤިއްލު މަޤާމު ތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް މަޖިލީހުގައި އިޢުލާންކުރުމަށްފަހު، މަޖިލީހުގައި ބަހުސްކުރުމަކާ ނުލައި މި މައްސަލަ ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވަންވާނެއެވެ.
ޕީޖީ ބިޝާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޕީޖީގެ މަޤާމަށް އައްޔަން ކުރެވުނު ދެ ވަނަ ޕްރޮސެކިއުޓަރ ޖެނެރަލެވެ. ބިޝާމްގެ ކުރިން އެމަޤާމުގައި ހުންނެވީ ކުރިން ކްރިމިނަލް ކޯޓުގެ ގާޒީކަންވެސް ކުރެއްވި މުހުތާޒު މުހުސިނެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކުރެވުނު ތަހުމަތުތަކާއެކު، ޕީޖީގެ މަޤާމުން މުހުތާޒު މުހުސިން ވަކިކުރުމަށްފަހު، އެމަޤަމަށް ރައީސް ޔާމީން އައްޔަން ކުރެއްވީ ޕީޖީ ބިޝާމެވެ. އޭގެ ފަހުން ރާއްޖޭގެ ހިނގާދިޔަ ސިޔާސީ ހަމަނުޖެހުންތަކާއި، ސިޔާސީ ލީޑަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ މައްޗަށް ޖިނާއީ ދައުވާތަކެއް ކުރެވިގެންދިޔަ އިރު، ޕީޖީގެ މަޤާމުގައި ހުންނެވީ ބިޝާމެވެ.
ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބަޔަކު ގެންދަވަނީ ބިޝާމާމެދު ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އަދި ޕީޖީގެ މަޤާމުން ބިޝާމް ވަކި ނުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.