އިއާދަ ކުރަނިވި ހަކަތަ ރަށްރަށުގައި ކުރިއެރުވުމުގެ ގޮތުން މިފަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން ކޮންމެ ރަށެއްގެ ކައުންސިލަށް އެއް މިލިއަން ރުފިޔާ ކަނޑައެޅުމަށް ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރ އަދި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުޤައްރިރު އަހްމަދު ސަލީމު އެދިވަޑައިގެންފި އެވެ.
ސަލީމު ހުށަހަޅުއްވާފައިވާ ކަރަންޓުގެ އަގު ހެޔޮކުރުމާއި ބެހޭ ޤަރާރުގެ ފަހު ބަސް ވިދާޅުވުމަށް ލިބިވަޑައިގެންނެވި ފުރުޞަތުގައި ވާހަކަފުޅު ދައްކަވަމުން ސަލީމު ވިދާޅުވީ މިފަހަރުގެ ބަޖެޓުގައި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރުމަށް ސަރުކާރުން 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނުއްވާފައިވާ ކަމަށެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އިއާދަ ކުރަނިވި ހަކަތަ އާއި ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށް، އިސްރާފު ކުޑަކުރުމާގުޅޭ މަޝްރޫޢުތަކަށް ޖުމްލަ 278 މިލިއަން ރުފިޔާ ވަނީ ބަޖެޓް ކޮށްފަ އެވެ.
ސަލީމު ވިދާޅުވީ މިހާރު ރާއްޖޭގައި އިއާދަ ކުރަނިވި ހަކަތައިގެ ޕްރޮގުރާމް ހިންގާގޮތުން ގޭގޭގެ ކަރަންޓު ބިލު ކުޑަވެގެންނުދާކަން އެއީ ފާހަގަކުރެވޭ ކަމެއް ކަމަށެވެ. އެހެންކަމުން މިހާރު އަމަލު ކުރަމުންދާ މޮޑެލް އަށް ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރައްވައި، އެބަދަލުތައް ގެނައުމަށް ކޮންމެ ކައުންސިލަކަށް އެއް މިލިއަން ރުފިޔާ ކަނޑައެޅުމަށް ސަލީމު ހުށަހެޅުއްވިއެވެ.
އަދި އެފައިސާއަކީ އިއާދަ ކުރަނިވި ހަކަތަ ނުވަތަ ސޯލަރ ޕެނަލް އާންމުގޮތެއްގައި އަޅުގަނޑުމެން މި ބޭނުންކުރަމުންދާ ސޯލަރ ޕެނަލް ހަރުކުރުމުގައި އަދި ގަތުމުގައި މިހާރު ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން ކައުންސިލުން ސޯލަރ ޕެނަލް ބަހައްޓަން ބޭނުންވާ ގޭގޭގެ ވެރިފަރާތް ތަކަށް ވެދޭ އެހީއެއްގެ ގޮތުގައި އެކަން ކަނޑައެޅުމަށް ހުށަހަޅަން. އަދި އެއާއެކު އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ބަޖެޓަށް އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށްޓަކައި އެއް މިލިއަން ރުފިޔާ އިތުރުވެގެން ހިނގައްޖެނަމަ ވަރަށް ބޮޑުތަނުން ކަރަންޓު ބިލުގެ އަގު ކުޑަކުރެވި އަދި ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދަ ކުޑަކުރިވި ސަރުކާރުން މިކަމަށް ވެފައިވާ ވައުދު ފުއްދުމަށް އެހީތެރިވެގެންދާނެ ކަމަށް.ހޯރަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމު
ސަލީމު ވިދާޅުވީ ދެމެހެއްޓެނެވި ގޮތެއްގައި ކަރަންޓުގެ ބިލަށް ކުރާ ހޭދަ ކުޑަކުރުމަކީ ސަރުކާރުގެ ވަޢުދެއްކަމުން، ގޭގޭގައި ސޯލަރ ޕެނަލް ހަރުކުރެވިގެން ގޭގޭގައި މިހާރު ތެލަށް ބަރޯސާވެފައިމިވާ ހަކަތައިގެ ނުވަތަ ކަރަންޓުގެ ޚިދުމަތް އެހެން ގޮތަކަށް ބަދަލުކުރުމަށްޓަކައި މިއީ ކޮންމެހެންވެސް ގެންނަންޖެހޭ ބަދަލެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
މީގެކުރިން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި އަދި މިބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އޮތް ހަނި ފުރުސަތު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާތީ އެކަމުގެ ކަންބޮޑުވުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެދި ހުށަހަޅާ ޤަރާރަށް ފަހު ބަސް ވިދާޅު ވަމުން ސަލީމު ވިދާޅުވީ ތެލަށް ދީފައިވާ ސަބްސިޑީގެ ތެރެއިން 119 މިލިއަން ރުފިޔާ ދެހާހުން ދަށުގެ 143 ރަށަކަށް ދީގެން ކަރަންޓު ބިލު ކުޑަކުރެވިގެންދާނެ ކަމަށެވެ.
އެއީ އެއިން ކޮންމެ ގެއެއްގެ ފުރާޅުގައި ތިން ކިލޯ ވޮޓުގެ ސޯލަރ ޕެނެލް ބަހައްޓައިގެން ކަމަށް ސަލީމު ވިދާޅުވި އެވެ. އޭރުން މަހެއްގެ މައްޗަށް މިހާރު ދައްކަމުންދާ ހާހަކަށް ވުރެ ބޮޑު ކަރަންޓު ބިލް 700 ރުފިޔާއަށް ތިރިކުރެވޭނެ ކަމަށް ސަލީމު ވިދާޅުވި އެވެ. ސަލީމު ވިދާޅުވީ މިއަދަދުތަކަކީ މިދާއިރާގެ ތަޖުރިބާ ކާރުންނާއެކުގައި ޖަހާފައިވާ ހިސާބުތަކަކުން ފެންނަ އަދަދު ކަމަށެވެ.
ތެލަށް ދޭ ސަބްސިޑީ އެބަޖެހޭ ފުރޮޅާލަން. އަޅުގަނޑު މިހުށަހަޅަނީ 119 މިލިއަން ރުފިޔާ ޖުމްލަ 143 ރަށަށް ކަނޑައަޅުއްވާ އެއީ އަންނަ އަހަރު އަޅުގަނޑުމެން އިއާދަ ކުރަނިވި ހަކަތައަށް ދޭ ސަބްސިޑީގެ ގޮތުގައި ބަދަލުކުރުމަށް. އަޅުގަނޑު މިކަމާބެހޭ އިތުރު ތަފްސީލު ބަޖެޓް ކޮމެޓީގެ މެމްބަރުންނަށް ހާމަކުރާނަން. އަޅުގަނޑު މިހިސާބު ހެދިގޮތަކީ އެވްރެޖްކޮށް ރަށެއްގައި ހުރީ 150 ގެ ކަމަށް ބެލިއަސް އަދި އެވްރެޖް ގެ އަކަށް ބޭނުންވަނީ 400 ކިލޯވޮޓު އަވަރ ކަމަށް ބެލިއަސް އެވްރެޖް ގެއަކަށް ބޭނުންވާނީ 3 ކިލޯ ވޮޓުގެ ސޯލަރ ޕެނަލް ޖަހަން އެނގޭތޯ. ސޯލަރގެ އަގު މިހާރު ހުރީ 3000 ޑޮލަރަށް ކަމަށްވެފައި އިންޓެރެސްޓް ރޭޓް ނުލައި އަޅުގަނޑު މިހުށަހަޅާ 119 މިލިއަން ރުފިޔާ އަކީ ކައުންސިލުތަކުން މިކަމުގައި ލޯނު ނަގާ މީހުންނަށް އިންޓްރެސްޓް ދެއްކުމަށް އެހީތެރިވެދޭން.ހޯރަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމު
ކަރަންޓު އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމާއި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަކީ މި ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހއ. އަތޮޅުގެ 14 ރަށެއްގައި 2.3 މެގަވޮޓުގެ ސޯލަރ ޕެނަލް ހަރުކޮށް 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ އެރަށްރަށުގެ ގްރިޑަށް ގުޅާފައެވެ. އަދި ށ، ނ މި ދެއަތޮޅުގެ 26 ރަށެއްގައި 4.3 މެގަވޮޓުގެ ސޯލަރ ޕެނަލް ހަރުކޮށް 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ އެރަށްރަށުގެ ގްރިޑަށް ގުޅާފައެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައިވަނީ ކަރަންޓުގެ އަގުހެޔޮ ކުރުމާ ބެހޭ ޤަރާރު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފޮނުވާފައެވެ.