ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއިން ނިންމައިފިއެވެ.
ކޮމެޓީއިން މިގޮތަށް ނިންމާފައިވާކަން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ އަންގާރަ ދުވަހު ޓްވީޓު ކުރައްވާފައެވެ.
މީގެކުރިން ކޮމެޓީއިން ވަނީ ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ފަސްކުރުމަށް ނިންމާފައެވެ.
މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކޮމެޓީގެ މެމްބަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް ވިދާޅުވީ އެ މައްސަލަ ފަސްކުރުމަށް ހުށަހެޅުއްވީ އުސޫލީ މައްސަލަތަކެއް ހުރުމުން ކަމަށެވެ. އެދުވަހު ބިޝާމް މަގާމުން ވަކި ކުރުމަށް ހުށަހެޅި ނަމަވެސް އެވަގުތު ކޮމެޓީގައި ތިއްބެވި މެމްބަރުންގެ އަދަދު މަދުވެފައި، އެފަދަ ބޮޑު ނިންމުމެއް ނިންމާއިރު ކޮމެޓީގައި އެވަގުތު ނެތް މެމްބަރުންގެ މަޝްވަރާ މުހިއްމުކަމަށް ދެކިލައްވާތީ ކަމަށެވެ. ޖީހާން ވިދާޅުވީ ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް އަމަލު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ބިޝާމް މަޤާމުން ވަކިކުރުމަށް މީގެކުރިންވެސް ގިނަ މެމްބަރުންތަކެއް ގޮވާލާފައިވެއެވެ. އަދި ބިިޝާމަކީ ޕީޖީގެ މަޤާމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށް އެ މެމްބަރުން ވިދާޅުވެފައިވެއެވެ.