ކ. މާލެ
|
18 ނޮވެންބަރ 2019 | ހޯމަ 19:28
މާލޭ ވިޔަފާރި ބަނދަރު
މާލޭ ވިޔަފާރި ބަނދަރު
މިހާރު
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު ޢާމްދަނީ 288 މިލިއަނަށް!
މިދިޔަ މަހު އެކްސްޕޯޓްކޮށްފައިވަނީ 4.2 ބިލިއަން ރުފިޔާގެ މުދާ
އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތަކަކީ ޔޫ.އޭ.އީ، ޗައިނާ، އަދި ސިންގަޕޫރު
މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 10 އިންސައްތަ އިތުރު އަދަދެއް

އިމްޕޯޓް އެކްސްޕޯޓުގެ ވިޔަފާރިން 288 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން ޢާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 287 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮކްޓޯބަރު މަހު މި ޢަދަދުވަނީ 288 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ފާއިތުވި އޮކްޓޯބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 0.37 އިންސައްތަ އިތުރު ޢަދަދެކެވެ.

2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދިވެހިރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮކްޓޯބަރު މަހު މި ޢަދަދުވަނީ 4.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓް ކުރެވުނު މުދާ ސީ.އައި.އެފް އަގަށް ބަލާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 3.8 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މިއަހަރު އެ މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 4.2 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި މިއީ ފާއިތުވި އޮކްޓޯބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު 10 އިންސައްތަ އިތުރުވުމެކެވެ.

އެކްސްޕޯޓް ކުރެވުނު މުދާ އެފް.އޯ.ބީ އަގަށް ބަލާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރުގައި 257 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 298 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 16 އިންސައްތަ އިތުރުވުމެކެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތަކަކީ ޔޫ.އޭ.އީ، ޗައިނާ، އަދި ސިންގަޕޫރެވެ. ޗައިނާ އިން 744 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޔޫ.އޭ.އީ އިން 743 މިލިއަން އަދި ސިންގަޕޫރުން 557 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

- ކޮމެންޓް