އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދު ﷲ ފަނޑިޔާރުކަމުން ވަކިކުރުމަށް ފާސްކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ފަނޑިޔާރުކަމުން ވަކިކުރުމަށް ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ ވޯޓާއިއެކުއެވެ. މަގާމުން ވަކިކުރަން ނުފެންނަ ކަމަށް 9 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ، ފަނޑިޔާރުކަމުން ވަކިކުރުމަށް ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ ވޯޓާއިއެކުއެވެ. މަގާމުން ވަކިކުރަން ނުފެންނަ ކަމަށް 9 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް ޖުޑީޝަރީ ކޮމިޓީން ވަނީ ތާއީދު ކޮށްފައެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާ އެނިންމުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް މަތިކޮށްފައިވާ ހަމައެކަނި ކަމަކީ، ޖޭއެސްސީން އެ ނިންމުން ނިންމާފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަނޑައެޅިފައިވާ އިޖުރާއަތުތަކާ އެގޮތަށްތޯ ބެލުން އެކަންޏެވެ. އެހެންކަމުން ޖުޑީޝަރީ ކޮމެޓީއަށް އެރިޕޯޓް ހުށަހެޅުމާއެކު އެކޮމެޓީން މިދިއަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންވެސް ވިދާޅުވީ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް، އަދި ކަނޑައެޅިފައިވާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާ، މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓް، ޖުޑީޝަރީ ކޮމެޓީން ވަނީ، އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް، ބުދަ ދުވަހު ޖޭއެސްސީން ބޭއްވި ބައްދަލުވުމުގައި ނިންމައި އެ މައްސަލަ ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީވެސް ބުދަ ދުވަހު އެވެ.
ޖޭއެސްސީން ދަނީ، ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ތަހުޤީޤު ކުރަމުންނެވެ. އޭގެތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއިގުޅޭ 18 މައްސަލައަކާއި ފަނޑިޔާރު ޢަބްދުﷲ އަރީފުގެ 14 މައްސަލައަކާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲގެ 16 މައްސަލައެއްގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދާ ގުޅޭ ތިން މައްސަލައެއް އެކޮމިޝަނުން ބަލަމުންދެ އެވެ.
ޖޭއެސްސީން ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެންދަވަނީ، ޖޭއެސްސީއަށް ގޮންޖައްސަވާ، ތަހުގީގަށް އެއްބާރުލުން ދެއްވުމަށް ދެކޮޅު ހައްދަވަމުން ނެވެ.
ޖޭއެސްސީން ބުނީ، ރާއްޖޭގެ ގާނޫނޫ އަސާސީގެ 154 މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާފަދަ އަމަލުތަކެއް އެ ދެ ފަނޑިޔާރުންގެ ކިބައިން ފެނިފައިވާތީ ޖޭއެސްސީގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ ބޭފުޅުން ވަގުތީ ގޮތުން 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ޖޭއެސްސީގެ އެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.