ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް ކާނަލް ރިޓަޔަރޑް އަހުމަދު ޖިހާދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެންއައިސީގެ މެމްބަރުކަމަށް ޖިހާދު އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 78 މެމްބަރުންނެވެ.
އެންއައިސީއަށް މެމްބަރަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަންތަކުގެ ތެރެއިން ކޮމެޓީން ދިރާސާކުރުމަށްފަހު، ނަންތައް ތަރުތީބު ކުރިއިރު، ފުރަތަމަ ނަމަކަށް ފާސްކޮށްފައިވަނީ ޝެއިހް ޝުއައިބު އަބްދުއްރަހްމާންގެ ނަމެވެ. އަދި ދެވަނަ ނަމަކަށް އިސްކަން ދެއްވާފައިވަނީ ޖިހާދަށެވެ.
ކޮމިޓީން އެންމެ ގިނަ މާކްސް ޝުއައިބަށް ލިބިވަޑައިގެންނެވިއަސް، އެންއައިސީގެ މެމްބަރުކަމަށް ޖިހާދު އައްޔަން ކުރުމަށް އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ. ޖިހާދުއަކީ ސިފައިންގެއަށް 30 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އެންއައިސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ސޯލިހު މަޖިލީހަށް ނަންފުޅުތައް ފޮނުއްވެވީ މި މަހުގެ ތިންވަނަ ދުވަހުއެވެ.
އެންއައިސީގެ މެމްބަރު ކަމަށް ރައީސް ފޮނުއްވި ނަންފުޅުތައް، އެ މަނިކުފާނު އިސްކަންދެއްވާފައިވާ ތަރުތީބު:
1. ޝުއައިބު އަބްދުއްރަހްމާން، ދަފްތަރު ނަންބަރު 1188
2. ކާނަލް ރިޓަޔަޑް އަހުމަދު ޖިހާދު، ވ. ދިވެތި
3. ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، ތިލަދޫ، ހއ. ދިއްދޫ
4. ހައްވާ ލިއުޝާ، ގ. ތުނޑިވެލި
މި ހަތަރު ބޭފުޅުންނާއި އިންޓަވިއު ކުރެއްވުމަށްފަހު ކޮމެޓީން ވަނީ މި ލިސްޓު ތިނަކަށް ބަދަލުކޮށްފައެވެ.
ކޮމެޓީން ފާސްކޮށް، އިސްކަން ދެއްވި ތަރުތީބު:
1. ޝުއައިބު އަބްދުއްރަހްމާން، ދަފްތަރު ނަންބަރު 1188
2. ކާނަލް ރިޓަޔަޑް އަހުމަދު ޖިހާދު، ވ. ދިވެތި
3. ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، ތިލަދޫ، ހއ. ދިއްދޫ
އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެ ކޮމިޝަންގެ މެމްބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޝުއައިބުއަކީ މީގެކުރިން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރެކެވެ. ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ޝުއައިބު އައްޔަން ކުރައްވާފައިވަނީ، ޖޭއެސްސީގައި އިންނަވާ ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވި މެމްބަރުގެ ގޮތުގަ އެވެ.