އޭނާގެ އަބުރު ކަތިލުން އެއީ ވެރިކަން ނިމުމުގެ ބިންގާ ކަމަށް ވެދާނެ ކަމަށް ވިދާޅުވެ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަރުކާރަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ޝަހީމް ސަރުކާރަށް އިންޒާރު ދެއްވާފައިމިވަނީ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅޭ ގޮތުން މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓާއި ގުޅިގެންނެވެ. މަރު ކޮމިޝަނަށް ޝަހީމް ދެއްވާފައިވާ މައުލޫމާތުތަކަކީ އެންމެ ސައްހަ މައުލޫމާތު ނޫން ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ދީނީ ހިޔާލުވުން ތަކެއްގެ ތެރޭގައި ކަމަށް ކޮމިޝަންގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
އާދިއްތަ ދުވަހު ޝަހީމް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ސަރުކާރަށް ރައްދުވާ މޭރުމުން ސުވާލެއް ކުރައްވާފައެވެ. ސަރުކާރަށް އެއް އަހަރުވެފައިވާއިރު، އެކަމާއި ގުޅުވައިގެން ޝަހީމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އެއް އަހަރު ދުވަސް ފާހަގަކުރަން ނުހައްގުން ކަތިލި ކަންބަޅި ބަކަރިއަކަށްވީ އޭނާތޯ ސުވާލު އުފައްދަވާފައެވެ.
އަދި އޭނާގެ އަބުރު ކަތިލައިލުމަކީ ވެރިކަން ނިންމުމުގެ ބިންގަލަށްވެސް ވެދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި '' ތިޔަ ދެއްވަނީ އެންމެ ބޮޑު އަނިޔާ'' ކަމަށް ޓްވީޓް ނިންމަވާލައްވަމުން ޝަހީމް ވިދާޅުވިއެވެ.
ފުރަތަމަ ޓްވީޓް ކުރެއްވުމަށް ފަހު އިރުކޮޅަކުން ޝަހީމް ވަނީ އެ ޓްވީޓް ޑިލީޓްކުރައްވާފައެވެ. އެހެން ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ޝަހީމް ވަނީ ހަމަ ކުރިން ލިޔުއްވެވި ޖުމްލަތައް ލިޔުއްވާފައި ޓްވިޓް ކުރައްވާފައެވެ.