ވަކި ސިޔާސީ ފިކުރަކަށް ވީތީ މި ސަރުކާރުން ތަފާތު ނުކުނުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އާދިއްތަ ދުވަހު މި ސަރުކާރަށް އެއް އަހަރު ފުރޭއިރު މި ސަރުކާރުން ވަނީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ދެފުށް ފެންނަހެން ގުޑް ގަވަނަންސާއި ޓްރާންސްޕޭރެންސީ ޤާއިމް ކޮށްދީފައި ކަމަށެވެ. އަދި ވަކި ސިޔާސީ ފިކުރަކަށް ވީތީ މީހެއްގެ ވިޔަފާރިއަށް ހުރަސް އަޅާފައި ނުވާނެ ކަމަށާއި ސަރުކާރާއި ޚިޔާލް ތަފާތު ފަރާތްތަކަށް ޚިޔާލް ފާޅުކުރުމުގެ މިނިވަންކަން ހޯދައިދެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރަށް އެއް އަހަރު ފުރުނު އިރު ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ސުލްހަ މަސަލަސްކާމާއި ދިވެހިރާއްޖެ އަށް މިއައި ހަމަ ޖެހުން ކަމަށެވެ. މި ސަރުކާރު ގެނެސްފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިންސާނީ ހައްގުތައް މިއިން ޒަމާނަކު ނުދާވަރަށް ވެއްޔާއި މޮޑެވިފައި، ދިވެހިރާއްޖޭގެ ބައިތުލްމާލް ލޫޓުވިފައި އޮތް ހާލަތެއްގައި އޮއްވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ފާއިތުވި އެއް އަހަރު ތެރޭގައި ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ދިޔަ ގޮތާއި ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވީ ޓުއަރިޒަމް މިނިސްޓްރީ އާއި މިނިސްޓްރީ އާއި ގުޅުންހުރި ކުންފުނިތަކަކީ އެންމެ ބޮޑެތި ތުހުމަތުތައް ރައްދުވީ ވުޒާރާތައް ކަމަށެވެ. ނަމަވެސް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާނީ ދެފުށް ފެންނަ ހާމަކަންބޮޑު ގޮތެއްގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އުފަލާއިއެކު ފާހަގަ ކުރަން ޖެހެނީ ވަގު އެކައުންޓަކުން ވެސް ޓްވިޓާގައިވެސް މިހާރު ޓުއަރިޒަމް މިނިސްޓްރީން ވައްކަން ކުރެޔޭ ބުނާއަޑު ނީވި އެއް އަހަރު ހާސިލް ކުރެވުނު.އަޅުގަނޑު ދެކޭ ގޮތުގައި އެއީ ކާމިޔާބެއް. ރަޢްޔިތުން އެންމެ ބޮޑަށް ބޭނުންވީ ބައިތުލްމާލު ސަލާމަތް ކުރަން. އެހެންވީމާ އެކަން މިއޮތީ ފުރަތަމަ އަހަރު ތެރޭގައި ޔަގީން ކުރެވިފައި. ޓޫރިޒަމް މިނިސްޓްރީ ވާނެ ކޮންމެ މަހަކު މީޑިއާ އާއި ބައްދަލު ކުރާ މިނިސްޓްރީ އަކަށް. ދެފުށް ފެންނަހެން ގުޑް ގަވަނަންސާއި ޓްރާންސްޕޭރެންސީ ވާނީ ޤާއިމް ކޮށްދީފައި .މީހެއްގެ ސިޔާސީ ފިކުރަކަށް ވީތީ މީހެއްގެ ވިޔަފާރިއަށް ހުރަސް އަޅާފައެއް ނުވާނެ .އަދި ރައީސުލް ޖުމްހޫރިއްޔާގެ އެކައުންޓަށް އެއް މިލިއަން ޑޮލަރެއްވެސް ޖަމާކޮށްފައެއް ނޯންނާނެ.ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
މި ކޯލިޝަން ސަރުކާރު ގެނެއުމަށްޓަކައި އެމްޑީޕީން ނެރުނު މެނިފެސްޓޯ ގައިވާ ހުރިހާ ވައުދުތަކެއް ފަސް އަހަރު ތެރޭގައި ފުއްދާނެ ގޮތް ރައްޔިތުންނަށް ފެންނާނެ ކަމަށާއި މި ސަރުކާރު ލަސްކަމަށް ބައެއް ފަރާތްތަކަށް ހީވި ހީވުމަށް ބަދަލު އަންނަ މަންޒަރު އަންނަ އަހަރުގެ މާރޗް މަހުގެ ކުރިން ފެނިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.