އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމަށްޓަކައި މާދަމާ ޖަލްސާ އެއް ބޭއްވުމަށް އެޖެންޑާކޮށްފި އެވެ.
އާދިއްތަ ދުވަހަކީ ޢާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހެއް ނޫނެވެ. ނަމަވެސް ބަޖެޓް ބަހުސް ކުރިޔަށް ގެންދިޔުމަށްޓަކައި މިހަފުތާގައި އާދީއްތަ ދުވަހު ޖަލްސާ ބޭއްވުމަށް އެޖެންޑާކޮށްފައިވާއިރު މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން މެމްބަރުން އަންނަނީ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާގައިވަނީ ހަމައެކަނި ބަޖެޓަށް ބަހުސް ކުރުމެވެ.
މިހާތަނަށް އާއިރު ތިން ދުވަހު ބަޖެޓަށް ބަހުސް ކުރުން ކުރިޔަށް ގެންދަވާފައިވާއިރު ދެދުވަހެއްގައި ޖަލްސާވަނީ ފަހެއް ޖަހަންދެން ބަޖެޓަށް ބަހުސްކުރުމަށްޓަކައި ވަގުތު އިތުރުކޮށްގެން ކުރިޔަށް ގެންދަވާފައެވެ. މިހާތަނަށް އާއިރު ފަންސާހަށް ވުރެ ގިނަ މެމްބަރުން ވަނީ ބަޖެޓަށް ބަހުސްކުރައްވާފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މި ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ބަޖެޓް ބަހުސް ކުރުމަށްޓަކައި 21 ގަޑިއިރު ހޭދަވާނެ ކަމަށެވެ. އަދި ކޮންމެ މެމްބަރަކަށް 15 މިނެޓްގެ ފުރުސަތެއް ބަޖެޓަށް ބަހުސްކުރުމަށް ލިބިވަޑައި ގަންނަވާނެކަމަށް ނަޝީދު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ކޮމިޓީން މިހާރު ދިރާސާކުރަމުން އަންނައިރު މިމަހުގެ 20 ގެ ކުރިން ބަޖެޓް ދިރާސާކޮށް ނިންމާ ތަޅުމަށް ރިޕޯޓް ފޮނުވުމަށް މަސައްކަތްކުރައްވާނެ ކަމަށް ބަޖެޓް ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒް ވިދާޅުވި އެވެ. ކޮމިޓީ ރިޕޯޓް ބަހުސްކުރުމަށް ކޮންމެ މެމްބަރަކަށްވެސް ލިބިވަޑައިގަންނަވާނީ 7 މިނެޓްގެ ފުރުސަތެކެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 37.5 ބިލިއަން ރުފިޔާ އެވެ.