އަނިޔާވެރިގޮތަކަށް މަރާލާފައިވާ ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާއި، ބަންގްލަދޭޝްގައި މެޑިސިން ކިޔަވަން ހުއްޓާ މަރުވި ރާއްޖޭގެ މޮޑެލް ރައުދާ އާތިފް، މަރާ ބެހޭ ގޮތުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓު ގަބޫލުނުކުރާ ކަމަށް ދެފަރާތުގެ އާއިލާއިން ބުނެފިއެވެ.
ޑރ.އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން މިހާރު އާއްމުވެފައިވާ ވާހަކަތަކާ ބެހޭ ގޮތުން އޭނާގެ ބޭބެ، އަބްދުއްނާސިރު އަލީ ބައެއް މީޑިއާތަކަށް ބުނީ ޑރ.އަފްރާޝިމްގެ މަރާބެހޭ ގޮތުން ވާހަކަތައް ފަތުރަނީ އެކި ގޮތްގޮތަށް ކަމަށެވެ. އަދި ފުލުހުންނާއި ރިޔާސީ ކޮމިޝަންގެ ވާހަކަތައް ދިމާނުވާ ކަމަށް އޭނާ ބުންޏެވެ.
އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ މަގްސަދެއްގައި ކަމަށާއި، ހަތަރު މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، ރިޔާސީ ކޮމިޝަނުން ޑރ.އަފްރާޝީމްގެ މަރުގެ ފަހަތުގައި ވަނީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށް ބުނުމުން އެބަލައި ނުގަނެވޭ ކަމަށެވެ. އަދި މިއީ ތަހުގީގުގެ ނަމުގައި ކުޅެމުންދާ ޑްރާމާއެއް ކަމަށް ނާސިރު ވަނީ ސިފަކުރައްވާފައެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުޤީޤު ކުރިއަށްގެންދިއުމަށްފަހު ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވާގޮތުން އެ ކޮމިޝަނުން ހިންގި ތަހުގީގުގައި، ރިޔާޒު އެ ވިދާޅުވާ އަދަދެއްގެ ފައިސާ ދޭން ހުށައެޅި ކަމަށް ސާބިތުވެފައެއް ނުވެއެވެ. އަދި އަފްރާޝިމް މަރާލާން ރާވާފައިވަނީ ހ. ހިލްޓަން އަޒްލިފް ރައޫފް ކަމަށް ކޮމިޝަންގެ ރިޕޯޓުން އެނގޭއެވެ.
ޖުމްލަ 104 ސަފްހާގެ އެ ރިޕޯޓުގައި ބުނާ ގޮތުން އަފްރާޝީމް މަރާލަން ފައިސާ ހުށައެޅިކަން ކޮމިޝަނުން ހިންގި ތަހުގީގަށް ސާބުތުވެފައިނުވާ ކަމަށެވެ. ޑރ. އަފްރާޝީމް އަވަހާރަ ކޮށްލީ، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެރޭ ދަންވަރު ސްޓެލްކޯ ސަރަހައްދުގައި ހުންނަ ހ. ފުންވިލު ސިޑި ގޮޅި ސަރަހައްދުގައެވެ.
މީގެ އިތުރުން ރައުދާ އާތިފްގެ މަރާ ގުޅޭ ގޮތުން ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އެރިޕޯޓު ގަބޫލުނުކުރާ ކަމަށް ރައުދާގެ ބައްޕަ ޑރ.މުހައްމަދު އާތިފް ވަނީ ބުނެފައެވެ.
އާތިފް ބުނީ ރައުދާގެ މަރާ ބެހޭ ގޮތުން ބަގްލަދޭޝްގެ ޕޮލިސް ބިއުރޯގެ އިންވެސްޓިގޭޝަނުން ހެދި ރިޕޯޓުގައި ރައުދާ މަރުވީ އަމިއްލައަށް ކަމަށް ސާބިތު ކުރެވޭ އެއްވެސް ހެއްކެއް ނެތް ކަމަށް ބަންގްލަދޭޝްގެ ފުންނާބު އުސް އެޓާރނީ، ކަމްރުލް މުނީރް ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައުދާ ކަރުން ފެންނަން ހުރި ނިޝާންތަކުގައި އެއީ މީހަކު ބާރަށް ހިފުމުން ހުރި ނިޝާންތަކެއް ކަމަށް އޭނާގެ ބައްޕަ ތުހުމަތު ކުރިއެވެ.
ރައުދާގެ މަރުގެ ހަގީގަތް އޮޅުވާލުމަށް އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރ މުހައްމަދު ރިޔާޒު މަސައްކަތްކުރައްވާ ކަމަށް ތުހުމަތުކޮށް ޑރ.އާތިފް ވަނީ ރިޔާޒު ހިންގާފައިވާ ޖަރީމާތައް ތަހުގީގުކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲއަށް ހުށަހަޅާފައެވެ.
ބަންގްލަދޭޝްގެ ރާޖްޝާޙީގައި ހުންނަ އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖްގައި ކިޔަވަމުން ދިޔަ ރައުދާ "ދަންޖެހިފައި" ހުއްޓާ ފެނިފައިވަނީ، އެ ކޮލެޖުގައި ތަޢުލީމް ހާސިލްކުރާ އެހެން ޤައުމުތަކުގެ ދަރިވަރުންނަށް ޙާއްސަ އަންހެން ކުދިންގެ ހޮސްޓެލްގައި ރައުދާ ދިރިއުޅުނު 209 ނަމްބަރު ކޮޓަރިންނެވެ.
ރައުދާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ބަންގްލަދޭޝް ސަރުކާރުން ފުރަތަމަ ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ. ބަންގްލަދޭޝް ފުލުހުން ރައުދާ މަރުވީ އަމިއްލައަށް ކަމަށް ބުނުމުން އެކަން ގަބޫލުނުކޮށް އޭނާގެ މަރަކީ ގަތުލެއްގެ ގޮތުގައި ތަހުގީގުކޮށްދޭން އެދުނީ އެނާގެ ބައްޕަ ޑރ.މުހައްމަދު އާތިފްއެވެ. އާތިފްގެ އެދުމަށް ހެދި ދެވަނަ ޕޯސްޓްމޯޓަމްގެ ނަތީޖާ ވެސް އައީ ރައުދާ އަމިއްލައަށް މަރުވި ކަމަށެވެ.
ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި މިދެ ރިޕޯޓް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ހިއްސާ ކުރައްވައިފަ އެވެ. މީޑިއާއަށް ބައެއް މައުލޫމާތުތައް އާންމުވި ނަމަވެސް މިރިޕޯޓުތައް އަދި އާންމުކޮށްފައިނުވެއެވެ.