އަނިޔާވެރިގޮތަކަށް މަރާލާފައިވާ ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލަން ހަތަރު މިލިއަން ރުފިޔާ ބަޔަކަށް ހުށައެޅިކަމަށް ސާބިތުނުވާ ކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުން ހާމަވެއްޖެ އެވެ.
އަފްރާޝީމް މަރާލާފައިވަނީ ބަޔަކަށް ހަތަރު މިލިއަން ރުފިޔާދޭން ބުނެގެން ކަމަށް ފުލުހުންކުރި ތަހުގީގަށް އެނގިފައިވާ ކަމަށް، އޭރުގެ ޕޮލިސް ކޮމިޝަނަރ އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ 2012 ވަނަ އަހަރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވެފަ އެވެ. އަފްރާޝީމް މަރާއި ގުޅޭގޮތުން އެނގޭ މައުލޫމާތުތައް ރިޔާޒު ވަނީ ދާދި ފަހުން މަރު ކޮމިޝަނާއިވެސް ހިއްސާކުރައްވާފައެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުޤީޤްކުރިއަށްގެންދިއުމަށްފަހު ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވާގޮތުން އެ ކޮމިޝަނުން ހިންގި ތަހުގީގުގައި، ރިޔާޒު އެ ވިދާޅުވާ އަދަދެއްގެ ފައިސާ ދޭން ހުށައެޅި ކަމަށް ސާބިތުވެފައެއް ނުވެއެވެ. އަދި އަފްރާޝިމް މަރާލާން ރާވާފައިވަނީ ހ. ހިލްޓަން އަޒްލިފް ރައޫފް ކަމަށް ކޮމިޝަންގެ ރިޕޯޓުން އެނގޭއެވެ.
ޖުމްލަ 104 ސަފްހާގެ އެ ރިޕޯޓުގައި ބުނާ ގޮތުން އަފްރާޝީމް މަރާލަން ފައިސާ ހުށައެޅިކަން ކޮމިޝަނުން ހިންގި ތަހުގީގަށް ސާބުތުވެފައިނުވާ ކަމަށެވެ.
ޑރ. އަފްރާޝީމް އަވަހާރަ ކޮށްލީ، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެރޭ ދަންވަރު ސްޓެލްކޯ ސަރަހައްދުގައި ހުންނަ ހ. ފުންވިލު ސިޑި ގޮޅި ސަރަހައްދުގައެވެ.