އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ ޑރ އަފްރާޝީމް އަލީގެ މަރަކީ ސިޔާސީ ބޭނުމަށް ކުރި ކަމެއްކަމަށް ބާރު ލިބޭ ހެއްކެށް ނެތްކަން މަރު ކޮމިޝަންގެ ރިޕޯޓުން ހާމަވެފައިވާކަން ރާއްޖެ.އެމްވީ އަށް އެނގިއްޖެއެވެ.
ޑރ. އަފްރާޝީމް އަވަހާރަ ކޮށްލީ، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރު ސްޓެލްކޯ ސަރަހައްދުގައި ހުންނަ ހ. ފުންވިލު ސިޑި ގޮޅި ސަރަހައްދުގައެވެ.
ގޮތްނޭނގޭ ގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ޑރ އަފްރާޝީމުގެ މަރުގެ ތަހުގީގު ނިންމާ ރިޕޯޓް ރައީސް އޮފީހަށް ފޮނުވާފައިވަނީ ނޮވެމްބަރ މަހުގެ ހަތް ވަނަ ދުވަހު އެވެ. ބުރާސްފަތި ދުވަހު ރައީސް އޮފީހުން ވަނީ އެ ރިޕޯޓު ކަމާއި ބެހޭ އިދާރާތަކާއި ހިއްސާކޮށްފައެވެ.
ރިޕޯޓުން ހާމަވެފައިވާ ގޮތުގައި އަފްރާޝީމް މަރާލަން ދިން ހަމަލާ ރޭވީ ހ. ހިލްޓަން އަޒްލިފް ރައޫފްއެވެ. އޭނާ އެކަން ހަވާލުކޮށްފައިވަނީ އަފްރާޝިމްއާ ދީނީ ގޮތުން ހިޔާލު ތަފާތުވެފައިވާ ބަޔާކައިއެވެ.
ޑރ އަފްރާޝީމް މަރާލީ ކަމަށް ސާބިތުވެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށެވެ. އޭނާ މެރުމަށް ވަނީ ހުރިހާ ކޯޓަކުން ވެސް ތާއިދުކޮށްފައެވެ. އަދި އެ މައްސަލައިގާ ހައްޔަރުކުރި އެހެން މީހުންގެ މައްޗަށް އެކަމުގެ އެއްވެސް ކަމެއް ސާބިތު ނުވެ އެ މީހުން ވަނީ މިނިވަންކޮށްފައެވެ.
އޭގެތެރޭގައި ހ. ހިކޯސްޓް އަލީ ޝަން (ސަޓޯ) ވެސް ހިމެނެއެވެ. ނަމަވެސް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ސަޓޯގެ މައްޗަށްވެސް ތުހުމަތުތަކެއްކޮށްފައިވެއެވެ. ސަޓޯއަކީ ވެެރިކަންކުރާ އެމްޑީޕީގެ އެކްޓިވެސްޓެކެވެ.
މަރު ކޮމިޝަންގެ ރިޕޯޓުން ހާމަވެފައިވާގޮތުން އަފްރާޝީމް މަރާލާފައިވަނީ ސިޔާސީ ބޭނުމަށް ބަޔަކުކުރި ކަމެއް ނޫނެވެ. އަދި އެއީ ދީނީގޮތުން ހިޔާލު ތަފާތު ބަޔަކު އަޑީގައި ތިބެގެންކަމަށް ރިޕޯޓުގައިި ބުނެފައިވެއެވެ.