ޖުޑީޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ) އިން އެމަނިކުފާނު ސަސްޕެންޑް ކުރަން ނިންމި ނިންމުން ބަލައި ނުގަންނަ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ އާންމު ކުރެއްވި ބަޔާނެއްގައެވެ. ޖޭއެސްސީން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑް ކޮށްފައިވަނީ ބުދަ ދުވަހުއެވެ.
ބަޔާނުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޖޭއެސްސީން ދަނީ ވުޖޫދުގައި ނުވާ ސުލޫކީ މައްސަލަތަކެއް އަމިއްލަ ހިޔާލަށް އުފައްދައިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތަހުގީގުތަކެއް ހިންގާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އަމަލުތައް ސިލްސިލާ ގޮތެއްގައި ހިންގަމުން ކަމަށެވެ.
އަދި ޖޭއެސްސީން ވަނީ، އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ ފަހުބަސް ބުނާ ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިފައިވާ ދުސްތޫރީ އަދި ގާނޫނީ ބާރުވެރިކަން ނިގުޅައިގެންފައި ކަމަށްވެސް ބަޔާނުގައި ވެއެވެ.
ޑރ. އަބްދުﷲ ދީދީ ވިދާޅުވީ، އެމަނިކުފާނާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމަށާއި ރައްޔިތުންނަށް ގައްދާރުވެ ހިޔާނަތްތެރިވުން ކަމުގައިވާތީ އެ ނިންމުން ބަލައި ނުގަންނާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ހުށައެޅުމުން އެ ކޮމިޓީން ވަނީ ޖޭއެސްސީން ހުށައެޅި ރިޕޯޓް ބަލައިގަނެ، އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ތައާރުޒް ނުވާގޮތަށް ކަމަށް ފާސްކޮށްފައެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ދެ ފަނޑިޔާރުން މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރުމަށް ނިންމާފައިވަނީ، ޖޭއެސްސީން ތަހްގީގުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ދެ ބޭފުޅުން މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭ ކަމަށް ފެންނާތީ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.