Advertisement
ކ. މާލެ
|
16 މާރޗް 2017 | ބުރާސްފަތި 14:18
އެޑިއުކޭޝަންގެ އޮފިޝަލް ރާއްޖެޓީވީއަށް ހުރަސްއަޅަނީ
އެޑިއުކޭޝަންގެ އޮފިޝަލް ރާއްޖެޓީވީއަށް ހުރަސްއަޅަނީ
ރާއްޖެ އެމްވީ
އެޗް1އެން1
ސްކޫލްތައް ބަންދު ކުރުމަށް ފަހު ޑާންސް ޕްރެކްސްޓިސް ކުރިއަށް ގެންދާ ކަމެއް ހެލްތަކަށް ނޭނގޭ!
އެޑިއއުކޭޝަން މިނިސްޓްރީގެ ވަކި ޖަވާބެއް ނުދޭ

ރާއްޖޭގައި އެޗްވަންއެންވަން ހަލުވިކަމާ އެކު ފެތުރެމުންދާތީ ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދުކުރި ނަމަވެސް، ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ސައޫދީ ރަސްގެފާނަށް މަރުހަބާ ދެންނެވުމަށް ބާއްވާ ނެށުމުގެ ހަރަކާތްތަކުގައި ބައިވެރިވާ ސްކޫލު ކުދިންގެ ޕްރެކްޓިސް ހުއްޓާ ނުލައި ކުރިއަށް ގެންދާކަން އެނގިފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ހެލްތު މިނިސްޓްރީ އަށް ގުޅުމުން އެ މިނިސްޓްރީގެ ސްކޫލްތަކާ ބެހޭ ބިޔުރޯ އިން މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވީ ހުމާއި ރޯގާ ފެތުރެމުން ދާތީ ސްކޫލްތައް ބަންދު ކުރި ނަމަވެސް ސްކޫލް ކުދިންގެ ޑާންސް ޕްރެކްޓިސް ކުރިއަށް ގެންދާކަން އެ މިނިސްޓްރީ އަށް އެނގިފައި ނުވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ ބުނީ ޑާންސް ހަރަކާތްތަކާ ބެހޭ މައުލޫމާތު ދެވޭނީ ނަސީމް ކިޔާ ބޭގުޅަކަށް ކަމަށެވެ. ނަމަވެސް ނަސީމް އަށް ގުޅާލުމުން ވިދާޅުވީ އެކަމަކީ އޭނާއާ ބެހޭ ކަމެއް ނޫން ކަމަށެވެ. އަދި މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން މައުލޫމާތު ސާފް ކުރުމަށް ފަހު ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް ފަހުން ރާއްޖެއެމްވީން ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދެއްވާއެއް ނުވެއެވެ. އަދި މިނިސްޓްރީގެ ޕާމަނެންޓް ސެކްޓްރީ ޑރ. އަބްދުލް މުހުސިން އަށް ގުޅާލުމުން އޭނާ ވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ސްކޫލްތަކާ ބެހޭ ބައިގެ އޮފިޝަލަކަށް ގުޅުމުން އޭނާ ވަނީ ޑާންސް ޕްރެކްޓިސް ކުރިއަށް ގެންދަކަމަށް ވިދާޅުވެފައެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭ އިއުލާނުކޮށް އަންގާރަ ދުވަހުގެ ރެއިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައިވީ ނަމަވެސް އަންގާރަ ދުވަހުގެރޭ ވެސް ވަނީ ސައޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބާއްވާ ނެށުމުގެ ހަރަކާތްތަކުގެ ޕްރެކްޓިސް ކުރިއަށް ގެންގޮސްފައެވެ.

ޕްރެކްޓިސް އަށް ގެންދަނީ ބައެއް ސްކޫލްތަކުގެ ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނެވެ. އަދި އެ ޕްރެކްޓިސް އަށް 100 އަށް ވުރެ ގިނަ ކުދިން ގެންދާކަން ވެސް ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ.

ހިރިޔާ ސްކޫލްގައި ކުރިއަށް ގެންދާ މި ޑްނާސް ޕްރެކްސްޓިސްއާ ބެހޭ ގޮތުން ދަރިވަރެއްގެ ބެލެނިވެރިއަކު ރާއްޖެ އެމްވީއަށް ބުނީ ކޮންމެ ރެއަކު ވެސް މި ޕްރެކްޓިސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނެށުމުގެ ފަރިތަކުރުންތަކުގެ މަންޒަރު ނެގުމަށް ރާއްޖެޓީވީގެ ޓީމުން ހިރިޔާ ސުކޫލަށް ދިޔުމާއެކު، އެ ސްކޫލްގައި ހުރި އޮފިޝަލަކު ވަނީ ރާއްޖެޓީވީގެ ކެމެރާ މަތީގައި އަތް އަޅާފަ އެވެ. އަދި އެއަށް ފަހު، ރާއްޖެޓީވީގެ ޓީމުން ވަނީ އެތަނުން ނިކުތުމަށް މަޖުބޫރުކޮށް، ނެރެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، ސްކޫލްތައް ބަންދުކުރަން ލަފާދިނީ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ރައްކާތެރިކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެޗްޕީއޭއިން އެގޮތަށް ލަފާދިނުމާއި ގުޅިގެން ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. އަދި ކުޅިވަރު މުބާރާތްތައް ވެސް ވަނީ ހުއްޓާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
16 މާރޗް 2017 | ބުރާސްފަތި 20:49
ޑަރޯގާ
ތިކަހަލަ އެތައްކަމެއް އެބަހިނގާ ސްކޫލްތަކުގެ ގްރުއާން މުބާރާތް ފަސްނުކޮށް ކުރިޔަށްގެންދާއިރު އެއްވެސް ފަރާތަކުން ފިޔަވަޅެއްނާޅަ ސްކޫލް ބަންކޮށްފަ އެތަނުގަ ވަކިން ކުދިން މަދީތޯ؟