ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމާއި ޙަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ރާއްޖެ ޓީވީ އަށް އިންޓަވިއު ދިން މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ނުބަލާތީވެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމް، ގާޒީ އަލީ ރަޝީދާ ބެހޭ ގޮތުން ދެއްްކި ވާހަކާއި ގުޅިގެން އެމަނިކުފާނު ވަނީ ފޯނު މެދުވެރިކޮށް ރާއްޖެ.އެމްވީ އަށް އިންޓަވިއުއެއް ދެއްވާފައެެވެ.
ޕީޕީއެމް/ޕީއެންސީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް މި މަހުގެ 10 ވަނަ ދުވަހު އަމިއްލަ ފަރާތަކުން ޖޭއެސްސީ އަށް ހުށައަޅާފައިވާ ކަމަށެވެ.
އަދި އެ މައްސަލަ އަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ޝަރީޢަތާ ބެހޭ ގޮތުން ވަކި މީޑިއާއަކަށް މަޢުލޫމާތު ދިފައިވާ ހިނދު ޖޭއެސްސީން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ މައްސަލައެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުންޏެވެ. އިދިކޮޅުން ބުނީ، ގާޒީ ޢަލީ ރަޝީދު ފަނޑިޔާރުންގެ ޤާނޫނުގެ 29 މާއްދާ އާއި ޚިލާފުވެފައިވާ ކަމަށެވެ.
ކަންބޮޑުވުން ފާޅުކޮށް އިދިކޮޅުގެ ބަޔާނުގައި ބުނީ، އެ މައްސަލަ ބެލުމަށް ލަސްކޮށް، ރައީސް ޔާމީނުގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކުން އެއްކިބާވެ ކަންކަން ކުރަމުންދާތީވެ އެކަން ކުށްވެރި ކުރާ ކަމަށެވެ.
މި ކޯލިޝަނުން ދެކޭ ގޮތުގައި މިފަދަ ކަމެއް ހިނގާ ދިޔުމުން އެ ފަނޑިޔާރު އަމިއްލަފުޅަށްވެސް އެ މައްސަލައަކުން ތަނާޒުލްވާން ޖެހެއެވެ. އެހެން ކަމުން ފަނޑިޔާރު އަލްއުސްތާދު އަލީ ރަޝީދާ ބެހޭ ގޮތުން ޖޭއެސްސީ އަށް ހުށައެޅިފައިވާ މައްސަލަ ބައްލަވާ އޭނާ އަށް ފިޔަވަޅު އެޅުމަށް މި ކޯލިޝަނުން ޖޭއެސްސީ އަށް ގޮވާލަމެވެ.ބުރާސްފަތި ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާން
ގާޒީ ޢަލީ ރަޝީދަކީ ރައީސް ޔާމީނުގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން އެކުލަވައިލި ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީއެކެވެ. ރައީސް ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯންޑަރިންގެ މައްސަލައިގެ ޙުކުމް އިއްވަން ތާވާލުކޮށްފައި އޮތީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ މައްސަލަ ބައްލަވަމުން ގެންދިޔަ ގާޒީ ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެން އެދުވަހުގެ ޝަރީއަތް ވަނީ ކެންސަލް ކޮށްފައެވެ.