ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލް ފާސްކޮށްފި އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭ ބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 66 މެމްބަރުންގެ އިއްތިފާގުންނެވެ. ކުޑަކުދިންގެ އަދުލުގެ ބިލްވެސް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ދެބިލަކީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސްކޮށްފައިވާ ދެ ބިލެކެވެ. މި ދެ ބިލް ދިރާސާކުރެއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހުމޫދު ކޮމިޓީ ރިޕޯޓް ހުށަހަޅުއްވަމުން ވިދާޅުވީ މި ދެބިލަކީ ކޮމިޓީން ބަލަމުންގެންދިޔަ މައްސަލައަކާއި ގުޅިގެން ކޮމިޓީގެ ސަމާލުކަމަށް އައި ހައްސާސް މައްސަލައަކާއި ގުޅިގެން ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ދެ ބިލްކަމުގަ އެވެ. އެ މައްސަލައަކީ ގޭންގުތަކުން ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރާވައިގެން ހިންގާ ޖިނާޢީ ބޮޑެތި ކުށްތަކުގައި ކުޑަކުދިން ގްރޫމްކޮށްގެން ބައިވެރިކޮށް އެކުދިން ނާޖާއިޒު މަންފާ ނަގަމުންދާކަމުގެ މައްސަލައާ ގުޅިގެން ކޮމިޓީން ދިރާސާކޮށް ތައްޔާރުކުރި ރިޕޯޓާ ގުޅިގެން ހުށަހަޅާފައިވާ ދެބިލްކަމަށް ޖީހާން ވިދާޅުވި އެވެ.
އެހެންކަމުން މި ދެބިލް ކޮމިޓީން ދިރާސާކޮށް ނިންމާފައިވަނީ އެކުއެކީގައި ކަމަށް ޖީހާން ވިދާޅުވި އެވެ.