މިނިސްޓްރީ އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ހަރުމުދަލުގެ ގޮތުގައި ހުރި 9 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް މިހެން ވިދާޅުވީ އޮޑިޓް އޮފީހުން ނެރުއްވި އިކޮނޮމިކް މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައެވެ.
އެރިޕޯޓުގައި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ ތަންތަނަށް ގަންނަ ނުވަތަ ހަދިޔާގެ ގޮތުގައި ލިބޭ ހުރިހާ މުދަލުގެ ދަފްތަރެއް ލިޔެ ބަލަހައްޓަން ވާނެ ކަމަށެވެ.
ނަމަވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެމިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޓްރާންސޕޯރޓް އޮތޯރިޓީއާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ހަރުމުދަލުގެ ދަފްތަރު މާލިއްޔަތުގެ ޤަވާއިދުގައި ބުނެފައިވާ އުސޫލުތަކާ އެއްގޮތައް ބަލަހައްޓާފައި ނުވާ ކަމަށެވެ. އެހެންކަމުން އިކޮނޮމިކް މިނިސްޓްރީގެ މާލީ ބަޔާންތަކާއެކު މާލީ އަހަރު ނިމުނުއިރު ހުރި ހަރުމުދަލުގެ އަގުގެ ގޮތުގައި ބަޔާންކޮށްފައިވާ 9944571 (ނުވަ މިލިއަން ނުވަ ސަތޭކަ ސާޅީސް ހަތަރު ހާސް ފަސް ސަތޭކަ ހަތްދިހަ އެކެއް) ރުފިޔާއަކީ ސައްޙަ ޢަދަދެއްކަން ވަނީ ޔަޤީން ނުކުރެވި ކަމަށެވެ.
އިސްލާހު ކުރަން އަޅަންވީ ފިޔަވަޅެއްގެ ގޮތުގައި އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އެއްގޮތައް ހަރުމުދަލުގެ ދަފްތަރު ލިޔެ ބެލެހެއްޓުމަށް ދަންނަވާ ކަމަށެވެ. އަދި ހަރުމުދަލުގެ ދަފްތަރު ފުރިހަމަކޮށް ހަރުމުދަލުގެ ދަފްތަރުގެ ޖުމްލަ އަގު މިލްކިއްޔާތުގެ ބަޔާނުގައި ހިމެނުމަށްވެސް ދަންނަވާ ކަމަށެވެ.