Advertisement
ކ. މާލެ
|
12 ނޮވެންބަރ 2019 | އަންގާރަ 19:03
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ރައްޔިތުންގެ މަޖިލިސް
ބަޖެޓް 2020
ތަފާތު ކުރުމެއްނެތި ޕީއެސްއައިޕީ ޕްރޮގްރާމްތައް ހުރިހާ ރަށަކަށްވެސް ހިންގޭނެ: ފިނޭންސް މިނިސްޓަރ
މިނިސްޓަރ ވިދާޅުވީ ބަޖެޓް އެކުލަވާލާފައިވާނީ މެނިފެސްޓޯ އަށް ބަލައިގެން ކަމަށް
ޕީއެސްއައިޕީ ޕްރޮޖްކެޓްތައް ހިންގުމަށް ހަމަޖައްސާފައިވާނީ ޕްރޮޖެކްޓް ލޯނުން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވާލާފައިވާނީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރަށެއްވެސް ހިމެނޭހެން ޕީ.އެސް.އައި.ޕީ ޕްރޮގްރާމްތައް ހިންގޭނެ ގޮތަށްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތަށް ބަޖެޓަށް ބަހުސްކުރައްވަމުން މެމްބަރުން ދެއްކެވި ވާހަކަފުޅަށް ޖަވާބު ދެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މިނިސްޓަރ ވިދާޅުވީ 2020 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލާފައިވަނީ މިސަރުކާރުގެ މެނިފެސްޓޯއަށް ބަލައިގެން ވެފައިވާ ވައުދުތައް ފުއްދޭނެ ގޮތަށްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރޕްލަސް ބަޖެޓެއްގެ ވާހަކަ ދައްކާއިރު ރައްޔިތުންގެ ހާލަތު އެނގެންޖެހޭ ކަމަށާއި ރާއްޖޭގެ ގިނަ ރަށްރަށަކީ އަސާސީ ހިދުމަތްތައްވެސް ގާއިމުވެފައި ނެތް ރަށްރަށް ކަމަށެވެ.

Advertisement

އެހެންކަމުން ބަޖެޓް ބެލެންސްކޮށްގެން ހިންގައިގެން ތަރައްޤީ ގެނެވެންނެތް ކަމަށާއި ބަޖެޓް ހުށަހަޅާފައިވާނީ އެކްސްޕޭންޝަނަރީ ފިސްކަލް ޕޮލިސީއެއްގެ ދަށުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ރަނުން ރަނަށް ތުނޑުން ތުނޑަށް މި ބަޖެޓް އަޅުގަނޑުމެންނަށް ތަންފީޒުކުރެވޭނަމަ ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މާގިނަ އަހަރު ތަކެއް ނުވެ ތިބޭފުޅުންނަށް އަސާސީ ހިދުމަތްތައް ގާއިމުކުރެވި މި މަޖިލީހަށް އަޅުގަނޑުމެންނަށް އަރަނި ބަޖެޓެއްވެސް ހުށަހެޅިގެންދާތަން ފެނިގެންދާނެ
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ބަޖެޓް އެކުލަވާލުމުގައި އެކްސްޗޭންޖް ރޭޓަށް ވީހާވެސް ކުޑަކޮށް ލޮޅުން އަރާނެ ގޮތަކަށް ވިސްނާފައިވާނެ ކަމަށެވެ. ޑޮލަރު ރޭޓް 15.42 ގައި ހުންނަ އިރު މިދިޔަ އަހަރު އެކްސްޗޭންޖް ރޭޓް ގާތްގަޑަކަށް ހުރީ ދެ އިންސައްތައިގެ ޕްރިމިޔަމް އެއްގައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ބަޖެޓް ފައިނޭންސް ކުރުމަށް މިހާރު ބަޖެޓްގައި ހުރި ގޮތްތަކުން އެކްސްޗޭންޖް ރޭޓަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ޕީއެސްއައިޕީ ޕްރޮޖްކެޓްތައް ހިންގުމަށް ހަމަޖައްސާފައިވާނީ ޕްރޮޖެކްޓް ލޯނުންކަމަށެވެ. އެއީ ބޭރުގެ ފަންޑިން އެޖެންސީ ތަކުން ޕްރޮޖެކްޓް ލޯންގެ ގޮތުގައި ލިބިފައި ހުރި ޕްރޮޖެކްޓްތައް ކަމަށާއި އެހެންކަމުން ރާއްޖޭގައި ހިންގޭ ބޮޑެތި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ހިންގާނީ ރާއްޖޭގެ ބޭރުގެ ފަރާތްތަކުން ބޭރުގެ ފަންޑިން ހަމަޖެހިގެންކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

އެހެންވީމާ އޭގެ މާނައަކީ ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް އަޅުގަނޑުމެން މިސާލަކަށް އެތެރޭގައި ހުރި ފައިސާ ހަރަދުކޮށްގެން ދިވެހި ރުފިޔާ އިތުރު ކޮށްގެން ކުރެވޭ ހަރަދުތަކެއް ނޫން މިއީކީ. އެހެންވީމާ ބޭރުގެ ފަންޑިން ސޯސަސްތަކުން ފޮރިން ފައިނޭންސް ހޯދިގެން ރާއްޖެއަށް ޑޮލަރު ގެނެވިގެން އަޅުގަނޑުމެން ކުރާ ހަރަދުތަކެއް މިއީ. އެހެންވީމާ ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ހުރި އެއްވެސް ނުރައްކަލެއް ނެތް ކުރިޔަށް އޮތްތަނުގައި.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

މިނިސްޓަރ ވިދާޅުވީ ބަޖެޓް ފައިނޭންސަށް ބޭރުން ދަރަނި ނެގިޔަސް އެނިގެންގެންދާނީ އިތުރު އިގްތިޞާދީ ހަރަކާތްތަކެއް ހިންގުމަށްކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތްތާންގައި އިތުރު ކެޕިޓަލް ހަރަދުކުރެވިގެން އޭގެން އިގްތިޞާދީ ކުރިއެރުން ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަދަދަކީ 37.5 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރު ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް އަންދާޒާކޮށްފައިވަނީ 35.6 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 29.9 ބިލިއަން ރުފިޔާ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް