Advertisement
ކ. މާލެ
|
10 ނޮވެންބަރ 2019 | އާދީއްތަ 18:42
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޔޫސުފް ސޮފްވާން ރަޝީދު
ބަޖެޓު 2020
އިސްކަން ދެނީ ދަރަނި އިތުރުވާ ނިސްބަތް މަދުކުރުމަށް :ފިނޭންސް މިނިސްޓަރ
2020 ވަނަ އަހަރު ބަޖެޓު ޑެފިސިޓް ވާނެކަމަށް ލަފާކޮށްފައިވަނީ 5.7 ބިލިއަން ރުފިޔާ
ޖުމްލަ ޑެފިސިޓް 58 ބިލިއަން ރުފިޔާއަށް އަރާނެ!

މިހާރުގެ މައިގަނޑު އަމާޒަކީ ދަރަނި އިތުރުވާ ނިސްބަތް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ވުރެ ބޮޑު ވިޔަނުދީ ހިފެހެއްޓުންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Advertisement

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރު ނިމޭއިރު، މިހާރު މި ހުށަހެޅިގެން ދާ ބަޖެޓާއެކު 2020 ވަނަ އަހަރުގެ އިގްތިސާދީ ކުރިއެރުން 7.5 އިންސައްތައިގައި ހުންނާނެކަމަށް ގަބޫލުކުރެވޭކަމަށާއި މިހާރު ހިފެހެއްޓުމަށް ނިންމާފައިވާ މިންގަނޑަކީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ވުރެން ދަރަނި އިތުރުވެގެންދާ ނިސްބަތް ދަށްވުންކަމަށެވެ. މިނިސްޓަރ އަމީރު ވިދާޅުވީ ގައުމީ އުފެއްދުންތެރިކަމުގެ މިންވަރަށް ވުރެން މިހާރުވެސް ދަރަނީގެ ނިސްބަތް ބޮޑު ނަމަ އެއީ ރާއްޖެއަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި ނަމަވެސް މިހާރު އަބަދުވެސް އެކަންތައް ވަކި މިންގަނޑެއްގައި ހިފެހެއްޓޭތޯ މަސައްކަތް ކުރާކަމަށެވެ.

އަޅުގަނޑުމެން އަބަދުވެސް މި ބަލަނީ އަޅުގަނޑުމެން ދަރަނި އިތުރުވާ ނިސްބަތް، ޑެބްޓް އެބްސޮލިއުޓް ނަމްބަރ އަކުން އިތުރުވެގެން ދިޔައަސް އެއީ ގޯހެއް ނޫން. އެކަމަކު ދަރަނި އިތުރުވާ ނިސްބަތް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އިތުރުވާ ނިސްބަތް އަޅުގަނޑުމެންގެ ނޮމިނަލް ޖީޑީޕީ ގްރޯތް ރޭޓަށް ވުރެ ދަށްވާންޖެހޭނެ. މިހާރު ބައްލަވާލެއްވިއަސް ފެނިވަޑައިގަންނަވާނެ، ޑެބްޓް ގްރޯތް ދަރަނި އިތުރުވާ މިންވަރު ނޭޝަނަލް ޖީޑީޕީ ގްރޯތް ރޭޓަށް ވުރެން ދަށްވާނެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

މިނިސްޓަރ ވިދާޅުވީ ބޭނުމަކީ ވިހާވެސް އަވަހަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ބޭސިކް އިންފްރާސްޓަރަކްޗަރ ގާއިމުކުރުންކަމަށާއި ރާއްޖޭގެ އަތޮޅުތަކުގެ ހާލަތު ރަނގަޅު ނުކޮށް ކުރިޔަށް އޮތް ތަނުގައި ބަޖެޓުގެ ޑެފިސިޓް ރަނގަޅުވެގެންދާނެ ތަނެއް ނުފެންނަކަމަށެވެ. ކޮމިޓީގައި އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ޕީއެސްއައިޕީއަށް ހިމަނާފައިވާ އަދަދުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވަނީ ރަށްރަށުގެ ތަރައްގީއަށް ނުވަތަ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޭސިކް އިންފްރާސްޓްރަކްޗަރގެ މުހިންމުކަން ފާހަގަކުރައްވައި ކުރިޔަށް އޮތް އަހަރު ތަކުގައި އެކަން ގާއިމކުރުމަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީފައިވާކަމަށް ފާހަގަކުރައްވާފައެވެ. ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ މީގެކުރިން ވިދާޅުވީ، 2019 ވަނަ އަހަރު ބަޖެޓު ޑެފިސިޓް ހުންނާނެކަމަށް ބެލެވެނީ 5 ބިލިއަން ރުފިޔާގައި ކަމަށާއި އެއީ ޖީޑީޕީ ނިސްބަތުން ބަލާއިރު 5.7 އިންސައްތައެވެ. މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނީ ހުންނާނެކަމަށް އަންދާޒާކޮށްފައިވަނީ 52.5 ބިލިއަން ރުފިޔާގައެވެ. އެއި ޖީޑީޕީ ނިސްބަތުން 59.8 އިންސައްތައެވެ. 2020 ވަނަ އަހަރު ބަޖެޓު ޑެފިސިޓް ވާނެކަމަށް ލަފާކޮށްފައިވަނީ 5.7 ބިލިއަން ރުފިޔާއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް