ކ. މާލެ
|
9 ނޮވެންބަރ 2019 | ހޮނިހިރު 19:55
ބާބްރީ މިސްކިތް
ބާބްރީ މިސްކިތް
ދި ޓަައިމްސް
ނަރެންދުރަ މޯދީ
ސުޕްރީމް ކޯޓުގެ ހުކުމަކީ ލިބުނު މޮޅެއް ނޫން: މޯދީ
ވަގްފް ބޯޑުން ވަނީ އެ ނިންމުމަށް މަރުހަބާ ކިޔާފައި
ހުކުމް އިން އެނގިގެންދަނީ އިންޑިޔާގެ ޝަރުއީ ދާއިރާގެ މިނިވަން ކަމަށް ވިދާޅުވި
ހިންދޫން ގަބޫލުކުރާ ގޮތުން އެއީ އެމީހުންގެ ކަލާނގެ އުފަންވިތަން

ބާބްރީ މިސްކިތް ހުރި ސަރަހައްދު ހިންދޫ ދީނުގެ މީހުންނަށް ދޭން އިންޑިއާގެ ސުޕްރީމް ކޯޓުން ކުރި ހުކުމަކީ، އެއްވެސް ބަޔަކަށް ލިބުނު މޮޅެއް ނޫން ކަމަށާއި، އަދި އެއީ ދެރައެއް ކަމަށް ހީކޮށްގެން ނުވާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

އުއްތަރްޕްރަދޭޝްގެ އަޔޯދާގެ ބާބްރީ މިސްކިތް ހުރި ބިމުގައި ހިންދޫންގެ ފައްޅިއެއް އަޅަން އިންޑިއާގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. ބާބްރީ މިސްކިތަކީ މީގެ 460 އަހަރު ކުރިން އިންޑިޔާގެ މުސްލިމުން އަޅާފައިވާ މިސްކިތެއް ކަމަށް ބުނެވެއެވެ. ހަރުކަށި ހިންދޫންގެ ބަޔަކު ނިކުމެ އެ މިސްކިތް ތަޅާލާފައިވަނި 1992 ވަނަ އަހަރުއެވެ. އެ ހަމަނުޖެހުން ތަކުގެ ތެރޭގައި 2000 އެއްހާ މީހުން މަރުވިއެވެ. ހިންދޫން ގަބޫލުކުރާ ގޮތުން އެ ސަރަހައްދަކީ އެމީހުން ގެ ރާމް ކަލާނގެ އުފަންވިތަނެވެ.

އިންޑިއާގެ އެންމެ މަތީ ކޯޓުން އެ ސަރަހައްދު ހިންދޫންނާ ހަވާލުކުރަން ނިންމީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ހިންދޫން ބޭނުންވަނީ އެ ތަނުގައި ފައްޅިއެއް އެޅުމަށެވެ.

ބޮޑު ވަޒީރު ނަރެންދްރަ މޯދީ. ފޮޓޯ: ޓައިމްސް އޮފް އިންޑިޔާ

އެ ހުކުމް އައިސްފައިވަނީ، އާސާރީ ހެއްކާއި، ކުރީގެ ފަތްފުތްތަކުގެ މައްޗަށާއި، ދައުވާ ކުރި ފަރާތުން ހުށައެޅި ހެކިތަކުގެ މައްޗަށް ބިނާކޮށެވެ. ސުޕްްރީމް ކޯޓުގެ އެ ނިންމުމަކީ ދީނަށް ރިއާޔަތްކުރުމަށް ވުރެ ބޮޑަށް ގާނޫނަށް ރިއާޔަތްކޮށް ކުރި ހުކުމެކެވެ.

2.77 އޭކަރގެ ބިމުގައި ހިންދޫންނަށް ދޭން ނިންމުމާއި އެކު، އެހެން ސަރަހައްދަކުން އެއަށް ވުރެ ބޮޑު، 5 އޭކަރުގެ ބިމެއް މުސްލިމުންގެ މިސްކިތް އެޅުމަށް ސުޕްރީމް ކޯޓުން ވަނީ އިންޑިއާ ސަރުކާރަށް އަމުރުކޮށްފައެވެ.

އެ ނިންމުމަށް އިހްތިރާމްކޮށް އެކަމަށް އިތުރަށް ދެކޮޅު ހައްދަވަން ބޭނުންނުވާ ކަމަށް އުއްތަރްޕްރަދޭޝްގެ ސުންނީ ސެންޓްރަލް ވަގްފްބޯޑުގެ ޗެއަރމަން ޒަފަރް އަހުމަދު ފާރޫގީ ވަނީ ވިދާޅުވެފައެވެ

އެ ހުކުމާއި ބެހޭ ގޮތުން އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ، ސުޕްރީމް ކޯޓުގެ ނިންމުމަކީ އެއްވެސް ބަޔަކަށް ލިބުނު މޮޅެއް ނުވަތަ ދެރައެއްގެ ގޮތުގައި ބަލައި ނުގަތުމަށް ގޮވައިލައްވާފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަށް ތައުރީފް ކުރައްވަމުން ބޮޑު ވަޒީރު ވިދާޅުވީ، އެ ނިންމުމުން އެނގިގެންދަނީ ކޮންމެ ކަމެއްވެސް ގާނޫނުގެ ތަރަހާގެ ތެރެއިން ނިންމިގެން ދާނެކަން ކަމަށެވެ. އަދި ހަމައެއާއި އެކު އިންޑިއާގެ ޝަރުއީ ދާއިރާގެ މިނިވަންކަން އެ ހުކުމުން އަންގައިދޭ ކަމަށް ބޮޑު ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

.

- ކޮމެންޓް