އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި ބްލޮކް ގްރާންޓުގެ އިތުރުން ކޮންމެ ކައުންސިލަކަށް އިތުރު 1 މިލިއަން ރުފިޔާ ދޭނެކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އަޙްމަދު ހަމްދާން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަހަ ސުރުޚީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ހަމްދާން ވިދާޅުވީ ބަޖެޓުންދޭ ގްރާންޓް ފޯމިއުލަރގައި މައިގަނޑުގޮތެއްގައި ރަށްރަށަށް ބަޖެޓުދިނުމުގައި ހިމަނާފައިވާނީ އާބާދީގެ ނިޞްބަތަށާއި ރަށާއި މާލެއާއި އަދި އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ދުރުމިނަށާއި، ރަށުގެ ބިން ބޭނުންކުރެވޭ ނިޞްބަތާއި އަދި ކައުންސިލްތަކުގެ ޕަރފޯމެންސަށް ބެލުމަށްފަހުގައި ކަމަށެވެ.
އަދި މި ފޯމިއުލާގެ އިތުރުން ބްލޮކް ގްރާންޓުގައި އީކުއަލައިޒޭޝަން ގްރާންޓެއް ވެސް ކަނޑައަޅާފައިވާނެ ކަމަށާއި، އެންމެ މަދުވެގެން ހުރިހާ ކައުންސިލަކަށް ވެސް އެއްވަރަކަށް ބަހާލެވޭ ޢަދަދެއް ބަޖެޓުގެ ތެރެއިން ދެވޭނެކަމަށް ހަމްދާން ވިދާޅުވިއެވެ.
1 މިލިއަން ރުފިޔާ ކޮންމެ ކައުންސިލަކަށް ވެސް ލިބޭނެ އީކުއަލައިޒޭޝަން ގްރާންޓްގެ ގޮތުގައި. އޭގެ މައްޗަށް މި ދެންނެވި ގޮތަށް މި ދެނީ އާބާދީގެ ނިސްބަތަށާއި ރަށުގެ ބިމުގެ އޭރިއާއާއި ބޭނުންހިފޭ ކަންކަމަށް،
އޭނާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މީގެ ކުރިން ރާއްޖޭގެ ބަޖެޓެއްގައި ކައުންސިލްތަކަށް ކަނޑަނޭޅޭ މިންވަރުގެ ބޮޑު ޢަދަދެއް ކައުންސިލްތަކަށް ކަނޑައެޅުމަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ޖުމްލަ 1.6 ބިލިއަން ރުފިޔާ އެއީ ކައުންސިލްތަކަށް ދެވޭ ހިލޭ އެހީގެ ގޮތުގައި ކަނޑައަޅާފައިވާނެކަމަށް ހަމްދާން ވިދާޅުވިއެވެ.
ދެން ލާމަރުކަޒީ ގާނޫނަށް ވަރަށް ފަހުން އިސްލާހުތަކެއް ހުށަހަޅައިފިން. އެ އިސްލާހުތަކުގައި އޮތް ފަދައިން މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި ކައުންސިލްތަކަށް ބަޖެޓުން ދެވޭ މިންވަރު އިތުރުކުރުމަށްޓަކައި ދެތިން ގޮތެއް ހުށަހެޅިން. އެއްގޮތަކީ ދައުލަތަށް ލިބޭ އާމްދަނީގެ 5 ޕަސެންޓް ކައުންސިލްތަކަށް ދެވޭ ބަޖެޓްގެ ގޮތުގައި ހަމަޖެއްސުން. އޭގެ އިތުރުން ލޭންޑް ރެންޓް ނުވަތަ ރިސޯޓްތަކުގެ ބިމުކުލީގެ 40 އިންސައްތަ ވެސް ކައުންސިލްތަކަށް ދެވޭ ހިލޭއެހީގެ ގޮތުގައި ހާއްސަކުރުން. އެހެންވީމަ ބްލޮކް ގްރާންޓެއްގެ ގޮތުގައި 1.6 ބިލިއަން ދިނުމަށް މިވަނީ ކަނޑައަޅާފައި. މިދިޔަ އަހަރު ކައުންސިލަށް ކަނޑައަޅާފައިވާ މިންވަރަކީ 656 މިލިއަން. އެއީ ވަރަށް ބޮޑު އިމްޕްރޫވްމަންޓެއް ކައުންސިލްތަކަށް ދެވޭ ބަޖެޓަށް މި އަންނަނީ،
ހަމްދާން ވިދާޅުވީ ކައުންސިލްތަކަށް ބަޖެޓް ކަނޑައެޅުމުގައި މީގެ ކުރިން ބަޖެޓް ހަމަހަމަ ގޮތެއްގައި ދިނުމަށް ގްރާންޓް ފޯމިއުލާއެއް އެކުލަވާލުމުގެ މަސައްކަތް ކުރެވިފައި އޮތް ނަމަވެސް އެކަން މިހާތަނަށް ތަންފީޒުކުރެވިފައި ނެތް ކަމަށެވެ. ނަމަވެސް މިއަހަރު ބަޖެޓް ކަނޑައެޅުމުގައި ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިޞްލާޙުގެ ތެރޭގައި ހިމެނޭނެ ކައުންސިލްތަކަށް ބަޖެޓް ކަނޑައެޅުމުގައި މިހާރު ވިސްނާފައި އޮތީ ބްލޮކް ގްރާންޓް ފޯމިއުލާއެއްގެ ތެރެއިން ހަމަހަމަ އުޞޫލަކުން ބަހަލާވޭނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.