މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލަ ބަލަން، ރައްޔިތުންގެ މަޖިލީހުން އިތުރު ކޮމެޓީ އެއް އެކުލަވާލައިގެން އެކަން ކުރަންޖެހޭ ކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މައްސަލަ ތަހުޤީޤުކުރުމަށް މަޖިލީހުން ޚާއްސަ ކޮމެޓީއެއް އެކުލަވާލުމަށް އެދޭކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެޑްރެސްކުރައްވާ ސިޓީ އެއް ފޮނުއްވާފަ އެވެ. އެސިޓީއަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލަ ތަހުގީގުކުރުމަށް ވަކި ކޮމިޝަނެއް އުފައްދާފައިވާ ކަމަށެވެ.
މިމަޖިލީހުން ވަނީ އެކޮމިޝަނަށް ޤާނޫނީ ބާރުދީފައި. އަދި އެކޮމިޝަން މިމަޖިލީހަށް ޖަވާބުދާރީ ކުރެވޭ. އެހެންވީމާ އަޅުގަނޑަށް ފެނުނީ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ވިދާޅުވާ ކަންކަން ހިނގަމުންދާ ކަމަށް. އިތުރު ތަހުގީގީ ކޮމެޓީއެއް އެކަމަށް މިތަނުން ހަދަން ބޭނުންނުވާ ކަމަށް.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ.
ޖާބިރު ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވަނީ މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ހިޔާނާތުގެ ތަހުގީގަކީ ސިޔާސީ ނުފޫޒުގެ ތެރެއިން ކުރެވިފައިވާ ތަހުގީގެއްކަމަށް ބުނެ، އެ ތަހުގީގު އަލުން ހިންގުމަށް ނިންމައި، ޝަރުއީ ކޯޓުތަކުގައި އެ މައްސަލަ ކުރިޔަށްދާ ދަނޑިވަޅުގައި ކުރިންވެސް އެ މައްސަލަ ބެއްލެވި ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލް އެ މައްސަލަ އަލުން ތަހުގީގުކުރުމަކީ ރައްޔިތުންގެ ގެއްލިފައިވާ ހައްގު ހޯދައިދެވޭނެ ވަރުގެ ތަހުގީގެއް ހިންގައި އިތުރު ނަތީޖާއެއް ނެރެވޭނެ އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މިންވަރަކީ 1.3 ބިލިއަން ރުފިޔާކަން އޭސީސީން ހިންގި ތަހުގީގަށްފަހު ނެރުނު ރިޕޯޓުން ވަނީ ހާމަވެފަ އެވެ. ނަމަވެސް ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި އަދަދު ތިން ބިލިއަން ރުފިޔާއަށް އަރާކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.