ތައުލީމީ ދާއިރާގައި ހިމެނޭ ހުރިހާ ފަރާތްތަކުގެ މުސާރައިގެ އޮނިގަނޑު ވަނީ ޕޭކޮމިޝަނަށް ފޮނުވާފައި ކަމަށާއި އަންނަ އަހަރު ޕޭކޮމިޝަނުން އެކަން ނިންމަވާނެކަމުގެ މައުލޫމާތު ލިބިވަޑައިގަންފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
އެޑިޔުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ބައިގެ ދަށުން ދާންދޫ ދާއިރާގެ މެމްބަރ ޔައުޤޫބު އަބްދުﷲ ޓީޗަރުންގެ މުސާރައަށް ބަދަލު އަންނާނީ ކިހާތާކުތޯ ސާފުކުރެއްވުމަށް އެއްސެވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ. މިނިސްޓަރ ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ހެޔޮބަދަލެއް ގެނައުމަށް އެޑިޔުކޭޝަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށެވެ. އަދި އިންސާފުވެރި ގޮތަކަށް މުސާރައިގެ އޮނިގަނޑު އެކުލަވާލާ ޕޭ ކޮމިޝަނަށް މިހާރު ފޮނުވާފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މުސާރަ ބޮޑުކޮށް މުސާރަ ހަމަހަމަކޮށް މިކަމަކީ ޕޭ ކޮމިޝަނުން ކުރިޔަށް ގެންދާކަމަކަށްވާތީ، އެއީ ވަރަށް ކޮމްޕްލެކްސް ކަމަކަށްވާތީ އަޅުގަނޑުމެން އުންމީދުކުރަނީ ވީހާވެސް އަވަހަކަށް އެކަން ނިމި މުދައްރިސުންނަށް ވީހާވެސް އަވަހަކަށް މުސާރައަށް ހެޔޮބަދަލެއް އަންނާނެކަމަށް.އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ
މިނިސްޓަރ ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުގެ މުސާރައިގެ އޮނިގަނޑު އެކުލަވާލާ ޕޭ ކޮމިޝަނަށް ފޮނުވާފައިވާކަމަށާއި މިކަމަކީ ބޮޑު މަސައްކަތަކަށް ވުމުން ވަގުތު ނަގާނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ. އަދި ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދަކަށްވާތީ އެކަން ފުރިހަމަވެގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ޓީޗަރުންގެ މުސާރަ ރަނގަޅު ނުވުމުގެ ސަބަބުން ފެންވަރު ރަނގަޅު ޓީޗަރުން ހޯދަން އުނދަގޫ ކަމަށާއި ޓީޗަރުން މިދާއިރާގައި ދެމިތިބުމަށްވެސް ގޮންޖެހުންތައް ދިމާވާކަމަށެވެ.
މިއަހަރުގެ އޮގަސްޓްމަހު ތެރޭގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެބަދަލުތައް ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ބަދަލުތައް އަދި މިނިސްޓްރީން ހާމަކޮށްފަ އެއް ނުވެއެވެ.