ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް ސަސްޕެންޑްކުރުމާއި ގުޅިގެން، އެ ކޯޓު ވަގުތީ ގޮތުން ހިންގެވުން ގާޒީ އަލީ ރަޝީދުއާ ހަވާލުކުރަން ޖޭއެސްސީއިން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައިލަމް ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމެވީ އެބޭފުޅާއާ ގުޅިގެން މިހާރު އެ ކޮމިޝަނުން ބަލަމުންގެންދާ ސުލޫކީ މައްސަލައަކާއި ގުޅިގެންނެވެ.
ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުކުރެވުނު ގާޒީ އަލީ ރަޝީދު އެ ކޯޓަށް ބަދަލުކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭގެ ކުރިން އަލީ ރަޝީދު މަސައްކަތްކުރެއްވީ ޑްރަގް ކޯޓުގައެވެ. އަދި އޭގެ ކުރިން އެބޭފުޅާ ވަނީ ސިވިލް ކޯޓުގެ އިސްގާޒީކަން ވެސް ކުރައްވާފައެވެ.
މިހާރު ގާޒީ އަލީ ރަޝީދު ޝަރީއަތް ބަލަހައްޓަވަމުން ގެންދަވާ ހައި-ޕްރޮފައިލް ކޭސްތަކުގެ ތެރޭގައި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ހިމެނެއެވެ. އޭގެ އިތުރުން ޓަގްބޯޓެއްގައި ފިއްލަވާވަޑައިގެން ދަނިކޮށް ހައްޔަރުކުރެވުނު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެ ފަހަރު ހައްޔަރުކުރީ ގާނޫނާ ޙިލާފަށްކަމަށް ނިންމާ، ކޯޓަށް ހާޒިރުކުރެއްވުމުން ދޫކޮށްލެއްވީ ވެސް އަލީ ރަޝީދެވެ.
ގާޒީ އަލީ ރަޝީދު ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށްވެސް މީގެކުރިން ކުރިމަތިލައްވާފަ އެވެ.