Advertisement
ކ. މާލެ
|
5 ނޮވެންބަރ 2019 | އަންގާރަ 12:27
ހެލްތު މިނިސްޓަރ
ހެލްތު މިނިސްޓަރ
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އަމާޒަކީ އަންނަ އަހަރު ނިމޭއިރު މޯބައިލް ލެބޯޓްރީގެ ހިދުމަތް މުޅި ރާއްޖޭގައި ފެށުން: އަމީން
އެންމެ ބޮޑު ގޮންޖެހުމަކީ ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމާއި ތަހުލީލުކުރުމުގެ ކަންކަން
ލެބޯޓްރީ ގާއިމުވެފައި ހުރީ 90 ރަށެއްގައި ކަމަށް މިނިސްޓަރ ވިދާޅުވި

އަމާޒަކީ އަންނަ އަހަރު ނިމޭއިރު މުޅި ރާއްޖޭގައި މޯބައިލް ލެބޯޓްރީގެ ހިދުމަތް ފޯރުކޮށްދެވިގެން ދިޔުންކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގެ ދަށުން މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ސިއްހީ ދާއިރާގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމާއި ތަހުލީލުކުރުމުގެ ކަންކަމަށެވެ. މިކަމަށް އެންވެ އަވަސް ހައްލެއްގެ ގޮތުގައި ފާހަގަކުރެވިގެންދިޔަ ކަމަކީ ތަހުލީލުކުރުމަށް ބޭނުންވާ ފަރާތްތަކަށް މޯބައިލް ލެބޯޓްރީގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

Advertisement

މިދިޔަ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހު ލ އަތޮޅުގައި ވަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން މޯބައިލް ލެބޯޓްރީގެ ހިދުމަތް ދޭން ފަށާފައެވެ. މިނިސްޓަރ ވިދާޅުވީ އެހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ހަމެޖިހިފައިވާ ކަމަށެވެ.

އަޅުގަނޑުމެންގެ އަމާޒަކީ 2020 ނިމޭއިރު މި ހިދުމަތް މުޅި ރާއްޖޭގައި ތަންފީޒުކުރެވިގެން ދިޔުން. އެހެންވީމާ އޭގެ ތެރެއިން ސާމްޕަލް އެއް ރަށުން އަނެއް ރަށަށް ގެންދިޔުމުގައި ވަރަށް ބޮޑު ފަސޭހަ އެއް ވެގެންދާނެ. އެފަސޭހައިގެ ނަތީޖާއަކަށް ވެގެންދާނީ އެދުވަހު ތަހުލީލުކުރުމަށް ސިއްހީ ހިދުމަތްދޭ ތަނަކަށް ދާމީހާއަށް އެމީހާގެ ތަހުލީލު ނަތީޖާ އެދުވަހު އޭނާގެ ރަށަށް އޭނާ ހުރިތަނަށް ދިޔުން. އެއްތަނުން އަނެއްތަނަށް ފުރައިގެންދާން ނުޖެހި.
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

މިހާރު ރާއްޖޭގައި ލެބޯޓްރީ ގާއިމުވެފައިހުރީ 90 ރަށެއްގައި ކަމަށާއި ދެން ބާކީ ހުރި ރަށްރަށުގައި ލެބޯޓްރީ ގާއިމުކުރުމާއި ހިދުމަތް ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އެމްބިޔުލަންސް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށެވެ. މިހާރު އެމްބިޔުލެންސް ލިބުމުގެ ޕްރޮސެސްގެ ތެރޭގައި ހުރި އެމްބިޔުލެންސްތައް ލިބުމުން ހުރިހާ ރަށަކަށް އެމްބިޔުލެންސް ފޯރުކޮށްދެވޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ނަމަވެސް އެޕްރޮސެސް ނިމޭނެ ތާރީޚެއް މިއަދުގެ ޖަލްސާގެ ސުވާލުގެ ދާއިރާއަށް ނުވުމުން ނެތްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ގިނަ ދުވަސް ވެފައިވާ އެމްބިޔުލަންސް މަރާމާތުކުރުމަށް ބޮޑު ހަރަދެއް ހިނގާތީ މިހާރު އެމްބިޔުލެންސް މަރާމާތު ކުރުމުގެ މަސައްކަތް ނުކުރާކަމަށެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ސިއްހީ ދާއިރާގެ ކަންކަން މެނުއަލް ކޮށް ކުރިޔަށް ގެންދިޔުމަކީ މިދާއިރާއަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން އެކަންކަން ފަސޭހަކޮށް ކުރިޔަށް ގެންދިޔުމަށް ހިންގުމުގެ ކަންކަން ޑިޖިޓަލައިޒް ކުރުމުގެ ކަންކަން ކުރިޔަށް ގެންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން ޕްރޮކިޔުމެންޓްގެ ކަންކަން ޑިޖިޓިލައިޒް ކުރުމުގެ 90 އިންސައްތަ މިހާރު ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ސިއްހީ ދާއިރާގެ ތަންތަން ހިންގުމަށް މިހާރަށްވުރެ ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީހުން މެނޭޖްކުރުމުގެ ކަންކަންވެސް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް