Advertisement
ކ. މާލެ
|
5 ނޮވެންބަރ 2019 | އަންގާރަ 10:43
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ
މަޖިލިސް
މަޖިލިސް 2019
މި މަޖިލީހެއް ސެންސަރެއް ނުކުރެވޭނެ: އީވާ
އެހެން އީޥާ ވިދާޅުވީ މެމްބަރު ފަޒުލް ރަޝީދަށް ރައްދުދެއްވަމުން
ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން ދަނީ މަޖިލިސް ހިންގުމަށް ހުރަސް އަޅަމުން

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އމަލުތައް ބަހައްޓަވާ ގޮތްތަކާއި ދައްކަވާ ވާހަކަތައް ދިވެހި ރައްޔިތުންނަށް ފެންނާނެ ކަމަށާއި މި މަޖިލީހެއް ސެންސަރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

Advertisement

އަންގާރަ ދުވަހުގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީއަށް ނިސްބަތްވާ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު މަޖިލިސް ސެންސަރު ކުރުމަށް އެދި ގޮވާލުމުން އެ މެމްބަރަށް ރައްދުދެއްވަމުންނެެވެ. މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ މި ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ދައްކަވާ ވާހަކައާއި އަމަލުތައް ބަހައްޓަވާ ގޮތް ދިވެހި ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.

އިއްޒަތްތެރި މެމްބަރު ތި ވިދާޅުވަނީ މަޖިލީހުގެ ކެމެރާ ސެންސަރު ކުރައްވަންތޯ؟ ސެންސަރުވާން ބޭނުމިއްޔާ ރައްޔިތުންގެ މަޖިލީހުގައި ދެކެވޭ ވާހަކައާއި ރައްޔިތުންގެ މަޖިލީހުގައި އަމަލުތަކާއި ރައްޔިތުންނަށް ފެންނާނެ. ސެންސަރު ވާން ބޭނުމިއްޔާ އެހެން އަމަލުތައް ނުބަހައްޓާނީ. ސެންސަރު ވާން ބޭނުމިއްޔާ ވާހަކަފުޅުތައް އެހެން ނުބަހައްޓަވާނީ. އިއްޒަތްތެރި މެމްބަރު، މި ރައްޔިތުންގެ މަޖިލީހުގައި ސެންސަރެއް ނުކުރާނެ
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

މިހެން އީވާ ވިދާޅުވެފައިވާއިރު މިއަދުގެ މަޖިލީހުގެ ޖަލްސާވެސް ވަނީ ހޫނުވެފައެވެ. އިދިކޮޅު މެމްބަރުން އަޑުގަދަ ކުރައްވަން ފެއްޓެވީ މަޖިލީހުގެ ޖަލްސާއަށް ހެލްތު މިނިސްޓަރ ވެސް ވަޑައިގެން އިންނަވަނިކޮށެވެ. އެގޮތުން އެ މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހެނދުނުގެ ވަގުތު ޖުޑީޝަލް ސާރވިސް ކޮމިޝަން( ޖޭއެސްސީ) އަށް ވަޑައިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތަށް ކުރެވޭ ހުކުމުގެ މައްޗަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ކުރައްވާފައެވެ. އެގޮތުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީއަށް ނިސްބަތްވާ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ މަޖިލީހުގައި ހިމެނޭ ޖޭއެސްސީގެ މެމްބަރުން ޖަލްސާ ދޫކޮށް ވަކި ގޮތަކަށް ހުކުމް ބައްޓަން ކުރުމަށްޓަކައި މަސައްކަތް ކުރައްވަން ފަށްޓަވާފައިވާ ކަމަށެވެ.

ދެންމެ ލިބުނު ވީޑިއޯއެއް މީ އިނގޭތޯ. ޖޭއެސްސީގައި މަޖިލީހުގައި ތިއްބަވާ މެމްބަރުން، މަޖިލީހުގެ ސްޕީކަރުވެސް ހިމެނޭ ގޮތަށް މިގަޑީގައި އެނގިވަޑައިގަންނަވާނެ ކޯތުގައި ހަމަ މައްސަލައެއް އެބައޮތް ތާވަލުވެފައި. ވަކި ގޮތަކަށް ހުކުމް ބައްޓަން ކުރުމަށް ޓަކައި މި މަޖިލީހުގައި ހިމެނޭ ޖޭއެސްސީގެ މެމްބަރުން އެވަނީ މަޖިލިސް ވެސް ދޫކޮށް ކޯޓަށް އަތްބޭނުމަށް، ހަތަރެސްފައި ބޭނުމަށްޓަކައި މަސައްކަތް ފަށާފަ.
މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު

މެމްބަރު ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މެމްބަރު އިޝާރާތް ކުރެއްވި ވީޑިއޯއާއި ގުޅިގެން ވާހަކަދައްކަވަމުން އިތުރަށް ވިދާޅުވީ ހެނދުނު ހެނދުނާ މަޖިލީހުގެ ރައީސް "ބޭން ޖައްސަވާފަ" ސުޕްރީމް ކޯޓަށް ވަޑައިގަތީ ރައީސް ޔާމީނުގެ ހުކުމަށް ބާރުފޯރުވުމަށް ކަމަށެވެ.

އިދިކޮޅު މެމްބަރުން ހިތްހަމަނުޖެހުން ފާޅުކޮށް ކޮޅަށް ތެދުވެވަޑައިގެން ވަނީ އަޑުގަދަ ކުރައްވަން ފަށްޓަވާފައެވެ. އެގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނެވުމާއި ގުޅިގެން ދެއްކެވި ވާހަކައަކަށް ރައްދުދެއްވައި އީވާ ވިދާޅުވީ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންނަވާ ސަބަބު އެއް ދައުރު ނިމިގެން ދިޔައިރު މެމްބަރަށް އެނގިނުލައްވާނަމަ އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ.

ނައިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖުޑިޝަލް ސާރވިސެސް ކޮމިޝަންއަށް އެވަޑައިގަންނަވަނީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (އ) ގެ ދަށުން. ޖުޑިޝަލް ސާރވިސެސް ކޮމިޝަންއަކީ، ޖުޑިޝަލް ސާރވިސެސް ކޮމިޝަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނަވާ ކަން ނައިފަރުދާއިރާގެ އިއްޒަތްތެރި މެމްބަރަށް އެއް ދައުރު ނިމުނުއިރުގައިވެސް އެނގިވަޑައިނުގަންނަވަންޏާ އިއްޒަތްތެރި މެމްބަރު އެއީ ވަރަށް ލަދުވެތި ދެރަ ކަމެއް.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

މިއަދުގެ މަޖިލީހުގެ ޖަލްސާ ވެސް ހޫނުވެފައިވާއިރު ހޯމަ ދުވަހުގެ ޖަލްސާގައިވެސް އިދިކޮޅު މެމްބަރުން ވަނީ އަޑުގަދަކޮށްފައެވެ. އެގޮތުން ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލިހުގެ ތަޅުން ހޫނުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތަން ފެންނަ ކުރެހުމަކުން، ރައީސް ޔާމީނުގެ މައްސަލަ ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައިގައެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމް ސަސްޕެންޑްކޮށް، ތާވަލުކޮށްފައި އޮތް ރައީސް ޔާމިންގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް ވަނީ ފަސްކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
5 ނޮވެންބަރ 2019 | އަންގާރަ 11:03
ކަނބުލޮ
ޑްރާމާ