Advertisement
ކ. މާލެ
|
5 ނޮވެންބަރ 2019 | އަންގާރަ 09:22
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޚު
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޚު
ރައީސް އޮފީސް
ބަޖެޓް 2020
ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއްދީފައިވާނީ ރައްޔިތުންނަށް: ރައީސް
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައި
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ބަޖެޓުގައި އެންމެ އިސްކަމެއް ދީފައިވާނީ، ސިއްޚީ ފަރުވާގެ ނިޒާމާއި، ތައުލީމާއި، ބޯފެނަށް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ރައްޔިތުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 37.504 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެވެ.

Advertisement

ހޯމަ ދުވަހުގެރޭ ރައީސް ސާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބަޖެޓުގައި އެންމެ އިސްކަމެއް ދީފައިވާނީ، ސިއްޚީ ފަރުވާގެ ނިޒާމާއި، ތައުލީމާއި، ބޯފެނަށް ކަމަށެވެ. އަދި އިޖްތިމާއީ ރައްކާތެރިކަމުގެ އިތުރުން ލާމަރުކަޒުކުން ކަމަށެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލައަކީ ތިރީސް ހަތް ބިލިއަން ފައްސަތޭކަ ހަތަރު މިލިއަން ހަތަރު ލައްކަ ނުވަދިހަ ތިންހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ ކަމުގަ އެވެ. މީގެތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 35.6 ބިލިއަން ރުފިޔާ އެވެ. މީގެތެރެއިން އެންމެ ބޮޑު ބައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ރިކަރަންޓް ޚަރަދަށާއި ތަރައްޤީގެ މަޝްރޫޢުތަކަށެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 22.2 ބިލިއަން ރުފިޔާއެވެ. އަދި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 10.1 ބިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އަންނަ އަހަރު ޖުމްލަ ޢާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 29.9 ބިލިއަން ރުފިޔާ އެވެ. ޢާމްދަނީގެ ގޮތުގައި އެންމެ ބޮޑު ބައެއް ޙިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއިންނެވެ. އަންނަ އަހަރު ޓެކްސްގެ ގޮތުގައި 17.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ. ޓެކްސްގެ ގޮތުގައި އެންމެ ގިނައިން ލިބޭނެކަމަށް ލަފާކޮށްފައިވަނީ ބިޒްނަސް އަދި ޕްރޮޕަރޓީ ޓެކްސް(ބީޕީޓީ) އެވެ. އެއީ 4 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫންގޮތްގޮތަށް އަންނަ އަހަރު ލިބޭނެކަމަށް ލަފާކޮށްފައިވަނީ 6.9 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 5.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ. އަންނަ އަހަރުގެ ބަޖެޓްގައި ޢާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންތައްތަކުން 2.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ.

އަންނަ އަހަރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރަނީ 5.7 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 5.8 އިންސައްތަ އެވެ. 2020 ވަނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރާ ގޮތަށް ބަލާއިރު، ފައިނޭންސިންގ ގެ ބޮޑުބައި ހަމަޖައްސަން ރާވާފައިވަނީ ބޭރުގެ ފަރާތްތަކުންނެވެ. މިގޮތުން، އަހަރުގެ ތެރޭގައި ހިނގާ މަޝްރޫޢުތަކަށް ބޭރުގެ ފަރާތްތަކުން 3 ބިލިއަން ރުފިޔާގެ ޑިސްބާސްމަންޓްސް ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. އަދި ބޭރުގެ މާކެޓަށް 2020 ވަނަ އަހަރުގެ ތެރޭގައި 300 މިލިއަން ޑޮލަރުގެ ބޮންޑެއް އިޝޫކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން، ރާއްޖޭގެ ފަރާތްތަކަށް 564 މިލިއަން ރުފިޔާގެ ޓީ-ބިލާއި ޓީ-ބޮންޑު 2020 ވަނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރަން ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 50 މިނެޓު ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް