ޕާކިސްތާނުގައި އެންމެ ފަހުން ބޭއްވި އާއްމު އިންތިޚާބުގައި ލަޝްކަރޭ ތައިބާއަށް ނިސްބަތްވާ ބައެއް މީހުން ވާދަކުރިކަމަށް އެމެރިކާއިން ތުހުމަތުކޮށްފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓެނުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި އިންތިޚާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުންނަށް ޕާކިސްތާނަށް ނިސްބަތްވާ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ލަޝްކަރޭ ތައިބާއާއި ގުޅުން ހުރި ބައެކެވެ. އެއިންތިޚާބު ކާމިޔާބުކޮށްގެން ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަތީ އިމްރާން ޚާންއެވެ. ލަޝްކަރޭ ތައިބާއަކީ 2008 ވަނަ އަހަރު އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީއަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާގެ ފަހަތުގައިވާ ޖަމާޢަތެވެ.
ޓެރަރިޒަމަށް ފައިސާ ޚަރަދުކުރުމާއި ގުޅޭ މި ރިޕޯޓުގައި ލަޝްކަރޭ ތައިބާއާއި ޖައިޝޭ މުހައްމަދު ފަދަ ޖަމާޢަތްތަކަށް ފައިސާ ހޯދުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް ޕާކިސްތާން ސަރުކާރަށް ނުކުޅެދިފައިވާ މައްސަލައިގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ވަރަށް ބޮޑަށް އެޤައުމަށް ފާޑުކިޔާފައެވެ. މީގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންނާއި އަފްޣާން ސަރުކާރާއި ދެމެދު ސުލްހައިގެ ވާހަކަތައް ބޭއްވުމަށް ޕާކިސްތާނުން ތާޢީދުކުރިނަމަވެސް، ހައްޤާނީ ނެޓްވޯކްފަދަ އަފްޣާން ޓެރަރިސްޓް ޖަމާޢަތްތަކަށް ރައްކާތެރި މާހައުލެއް ޕާކިސްތާނުގައި ޤާއިމްކޮށްދެވިފައިވާކަމަށް ބުނެ، އެކަމަށްވެސް އެމެރިކާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ހައްޤާނީ ނެޓްވޯކަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނާއި އަފްޣާން ސިފައިންނަށްވެސް ހުރި ނުރައްކަލެއްކަން އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
ޓެރަރިޒަމަށް ފައިސާ ޚަރަދުކުރާ ޤައުމުތަކުގެ "ގްރޭ ލިސްޓްގައި" ޕާކިސްތާން ބޭއްވުމަށް، ޓެރަރިޒަމަށް ފައިސާ ޚަރަދަކުރުން ހުއްޓުވާ ބައިނަލްއަޤްވާމީ ޓާސްކްފޯސްކަމަށްވާ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސްއިން ވަނީ ޖޫން މަހު ނިންމާފައެވެ. އެނިންމުމުގެ ފަހަތުގައިވާ އެއް ސަބަބަކީ ޓެރަރިސްޓް ޖަމާޢަތްތަކަށް ފައިސާ ލިބޭނެ މަގުތައް ބަންދުކުރުމަށް އދއިން ފާސްކުރާ ޤަރާރުތައް ތަންފީޒުކުރުމަށް ޕާކިސްތާނުން ނުކުޅެދުމެވެ.