އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި މައުލޫމާތު ސާފުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.
ޔާމީން ފުލުހަށް ހާޒިރުކުރަން ޗިޓް ފޮނުވާފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް އިޒްމިއާ ޒާހިރު ވަނީ ކަށަވަރު ކޮށްދީފައެވެ. އެހެން ނަމަވެސް އެއީ ކޮންދުވަހެއް ކަމެއް ނުވަތަ ކޮން ގަޑިއެއްކަމެއް ހާމައެއް ނުކުރެއެވެ.
އެނގިފައިވާގޮތުގައި ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން ނިންމާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލައިގެ ޝަރީޔަތުގެ ހުކުމް ކުރުމަށް އަންގާރަ ދުވަހު ވަނީ ތާވަލުކޮށްފައެވެ.
ދައުލަތުން ރައީސް ޔާމީންގެ މައްޗަށްކުރާ ދަޢުވާގައި ވަނީ އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެހެން ފައިސާތަކެއްކަމާއި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށް އެފައިސާގެ އަޞްލު އޮޅުވާލާފައިވާ ކަމަށެވެ. ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯފު ޗެކެއް މެދުވެރިކޮށް ޖަމާވެފައިވާ ފައިސާއަކީ ގއ. ވޮޑަމުލާ ނަމަކަށް ކިޔުނު ފަޅުރަށް ކުއްޔަށް ދޫކުރުމުގެ އަގުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރެވެ.
ރައީސް ޔާމީންގެ މައްސަލައިގައި ޝަފަހީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔާތާއި، މުޙައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުޙައްމަދު ލުވެއިޒް އާއި މުޙައްމަދު ޝަރީފެވެ.