Advertisement
ކ. މާލެ
|
4 ނޮވެންބަރ 2019 | ހޯމަ 13:30
ފިނޭންސް މިނިސްޓަރ
ފިނޭންސް މިނިސްޓަރ
ރައްޔިތުންގެ މަޖިލިސް
ބަޖެޓް 2020
ބަޖެޓް 2020: އަމާޒަކީ 2023 ނިމޭއިރު ރަސްމީ ރިޒާވް 1 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުން
މިއަހަރު ނިމޭއިރު ރިޒާވްގައި ހުންނާނެކަމަށް ބެލެވެނީ 636 މިލިއަން އެމެރިކާ ޑޮލަރު
2020 ވަނަ އަހަރު ނިމޭއިރު 819 މިލިއަން އެމެރިކާ ޑޮލަރު ރިޒާވްގައި ހުންނާނެކަމަށް އެމްއެމްއޭ އިން ލަފާކުރޭ

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައި އޮތް ގައުމަކަށްވާތީ ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 1 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

Advertisement

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ރިޒާވް ޕޮޒިޝަން ކުރިޔަށްއޮތް އަހަރުތަކުގައި ރަނގަޅުކުރުމަށްޓަކައި މަރުކަޒީ ބޭންކާއެކު މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ.

ދައުލަތުގެ ރަސްމީ ރިޒާވަށް ބަލާއިރު، 2019 ވަނަ އަހަރު ނިމޭއިރު ރިޒާވްގައި ހުންނާނެކަމަށް ބެލެވެނީ 636 މިލިއަން އެމެރިކާ ޑޮލަރު. މި އަދަދު 2020 ވަނަ އަހަރު ނިމޭއިރު 819 މިލިއަން އެމެރިކާ ޑޮލަރުގައި ހުންނާނެކަމަށް އެމްއެމްއޭ އިން ލަފާކުރޭ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރު އިންފްލޭޝަން ރޭޓް ހުރީ އެވްރެޖްކޮށް 0.1 އިންސައްތައިގެ ކަމުގައެވެ. އަދި އަންނަ އަހަރު އިންފްލޭޝަން ރޭޓް ހުންނާނެކަމަށް ލަފާކުރެވެނީ 1 އިންސައްތައިގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަށް ބެލެވެނީ 5.7 އިންސައްތައިގެ ކަމަށެވެ. އަދި މިއަހަރު އުފެއްދުންތެރިކަން އިތުރުވާ މިންވަރަށް ބަލާއިރު ފަތުރުވެރިކަމުގެ ދާއިރާ 12.7 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާ މިހާރު ކުރިއަރަން ފަށާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިވަން ވިޔަފާރި އާއި އިޤްތިސާދީ ގުޅުންތައް ދުނިޔޭގެ ބޮޑެތި އިޤްތިސާދުތަކުގެ މެދުގައި ހީނަރުވެފައިވާ ދަނޑިވަޅަކަށްވާތީ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރާ ގޮތުގައި 2019 ވަނަ އަހަރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް އިޤްތިސާދީ ދުވެލި މަޑުޖެހޭނެ. ރާއްޖޭގެ އިޤްތިސާދަކީ ހުޅުވިފައިވާ އިޤްތިސާދެއްކަމުން، މިކަމުގެ އަސަރު މި އަހަރު ކޮންމެވެސް ވަރަކަށް ކުރާނެކަމަށް ބެލެވޭ. މި ކަންކަން މިހެން ހުރިނަމަވެސް، ގައުމީ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓޭނެކަމަށް ބެލެވޭ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށާއި އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 7.5 އިންސައްތަ މައްޗަށް ޖެހޭނެކަމުގަ އެވެ. އަދި މެދުރާސްތާގައި އުފެއްދުންތެރިކަން އިތުރުވާ މިންވަރު މަތީގައި ހިފެހެއްޓޭނެކަމަށް ލަފާކުރެވޭކަމަށާއި އޭގެ މައިގަނޑު ސަބަބެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވީ ކުރިޔަށް އޮތް ތިން އަހަރުވެސް ފަތުރުވެރިކަމުގެ ދާއިރާ ހަލުވިކަމާއެކު ކުރިއަރާނެކަމަށް ބެލެވޭތީ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 35.6 ބިލިއަން ރުފިޔާ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 32 މިނެޓު ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް