އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގުރާމް (ޕީއެސްއައިޕީ) ތަކަށް 10.1 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް ޕީއެސްއައިޕީއަށް އެންމެ ބޮޑު ޢަދަދެއް ކަނޑައެޅިގެންދާ ބަޖެޓް ކަމުގައެވެ. ހިނގަމުންދާ 2019 ވަނަ އަހަރު ޕީއެސްއައިޕީއަށް ކަނޑައަޅާފައިވަނީ 6.6 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ބަލާލާއިރު މާލޭ ރީޖަންގައި 3.3 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަތޮޅުތަކުގައި 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރޮޖެކްޓްތައް ހިންގާ ތަފުޞީލަށް ބަލާލާއިރު އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ގައެވެ. އެއީ 523 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެވެ. އެއަށްފަހު އެންމެ ގިނަ މަޝްރޫޢުތަށް ހިންގުމަށް ހަމަޖެހިފައިވަނީ ގދ އަތޮޅުގައެވެ. އެއީ 486 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެވެ. ދެން އެންމެ ގިނަ މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ ހދ އަތޮޅުގަ އެވެ. އެއީ 362 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެވެ. ރ އަތޮޅުގައި ހިންގާ މަޝްރޫޢުތަކަށް 309 މިލިއަން ރުފިޔާ ހަމަޖައްސާފައިވާއިރު ތ އަތޮޅަށް ވަނީ 332 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓްގައި ހިމަނާފަ އެވެ. ބ އަތޮޅުގައި 285 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ހިމަނާފައިވާއިރު ފުވައްމުލައް ސިޓީ ޕީއެސްއައިޕީގެ ދަށުން 228 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓްގައި ވަނީ ހިމަނާފަ އެވެ. ށ އަތޮޅުގައި 264 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ހަމަޖައްސާފައިވާއިރު ނ އަތޮޅުގައި 225 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ވަނީ ހަމަޖައްސާފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ 2020 ވަނަ އަހަރުގެ ބަޖެޓްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރު 143 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް 1.2 ބިލިއަން ރުފިޔާ ޚަރަދުކުރާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އަންނަ އަހަރު 45 ރަށެއްގެ ބަނދަރު މުޅިން އަލަށް ފެށުމަށް 1.1 ބިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. ރައްކާތެރިކަމާއެކު ކުނި ނައްތާލައި މެނޭޖްކުރުމާގުޅޭ 20 މަޝްރޫޢަކަށް ޖުމްލަ 212 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތައް އަދި ޙަރަކާތްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ ފުޅާވެގެންދިއުމަކީ އުންމީދުކަމެކެވެ.