ރާއްޖެއަށް އެތެރެއިންނާއި ބޭރުން އަންނަ ކޮންމެ ނުރައްކަލަށް ޤައުމީ ދިފާއީ ބާރު ފުރިހަމައަށް ތައްޔާރުވެފައިވާކަމަށާއި، އެފަދަ ނުރައްކަލަކާއި ކުރިމަތިލުމުގެ ޤާބިލުކަން ދިވެހި އަސްކަރިއްޔާގައި އެބަހުރިކަމަށް ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހާއި ގުޅިގެން ރާއްޖެޓީވީން ގެނެސްދިން ޚާއްޞަ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ މީގެ 31 ވަރަކަށް އަހަރު ކުރިން ކުއްލި ގޮތަކަށް ރާއްޖެއަށް ޢުދުވާނީ ހަމަލާއެއް ދިންނަމަވެސް އެފަދަ ޙަމަލާއެއް ދެން ރާއްޖެއަށް ނުދެވޭނެކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، އެތެރެއިންނާއި ބޭރުން އަންނަ ޙަމަލާތަކަށް އަސްކަރިއްޔާ އޮންނާނީ އަބަދުވެސް ތައްޔާރުވެގެން ކަމަށެވެ.
ޝަމާލް ވިދާޅުވީ ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ޞަރަޙައްދަށްވެފައި، ކަނޑުމަތީގައި ވަރަށް ބޮޑު ގޮންޖެހުންތަކާއި ނުރައްކާތައް ވެސް އެބަހުރި ކަމަށެވެ. އޭގެތެރޭގައި ކަނޑުފޭރުމާއި އެކި ޖަމާޢަތްތައް ގުޅިގެން ހިންގާ ޤާނޫނާއި ޚިލާފު އެކި ޢަމަލުތައް ޝަމާލް ފާހަގަކުރެއްވިއެވެ.
ދެން މީގެން ކަނޑައެޅިގެން ޓެރަރިސްޓް ހަމަލާއަކަށް ވިސްނާއިރު ދެކަމެއް އެބަހުރި. އެއްބަޔަކީ އެފަދަ ކަމަކުން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަންތައްތައް. މިސާލަކަށް އިންޓެލިޖެންސްގެ މަސައްކަތް ވަރުގަދަކުރުމާއި، ނެޓްވޯކިން އާއި އަދި އިންފޮމޭޝަން ޝެއަރިންއާ އަޅުގަނޑުމެންނާ ގުޅިފަހުރި އެހެން މުއައްސަސާތަކާއި އަދި ރާއްޖެއިން ބޭރުގައި ހުރި އެހެން ގައުމުތަކާއި އިންފޮމޭޝަން ޝެއާ ކުރުން. މި މަސައްކަތްތައް ކުރިއަށްދޭ. ދެން ޓެރަރިޒަމަށް ވަކިއެއްޗެއް ދަންނަވާ ނަމަ ރާއްޖޭގައި ގައުމީ ފެންވަރެއްގައި ސަމާލުވުމުގައި އެންމެ ބޮޑު ޕޮއިންޓެއް މި އިންނަނީ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ އަށް. އެތަނުން ވަރަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން. އެވެއަރނެސް ކްރިއޭޓް ކުރުމާއި އިންފޮމޭޝަން ހޯދުމުގެ މަސައްކަތް ކުރުމާއި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން މިދަނީޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް
ޝަމާލް ވިދާޅުވީ ސިފައިންގެ މުހިންމު މަސައްކަތްތަކުގެ ތެރެއިން ދެވަނައަށް އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި އޮންނަނީ ކުރިމަތިވެދާނެ ކަމަކަށް އިޖާބަދިނުމަށް ތައްޔާރުވެ އޮތުންކަމަށެވެ. އެގޮތުން ކަމެއް ކުރިމަތިވާ ހިނދު ޢަމަލުކުރާނެގޮތާއި، ކަންކަން ކުރިޔަށްގެންދާނެ ގޮތް ދެނެގަނެ، އެކަމަށް ސިފައިންގެ ސަފުތައް ރުކުރުވާލަން ފުރިހަމަޔަށް ފައުޖުތައް ތައްޔާރަށް އޮންނަ ކަމަށް ޝަމާލް ވިދާޅުވިއެވެ.
އެގޮތުން އަސްކަރިއްޔާގެ އެއްބާރަކީ ސްޕެޝަލް ފޯރސެސް ކަމަށާއި، ރާއްޖޭގެ ސްޕެޝަލް ފޯރސަސް އަކީ އެކި ޤައުމުތަކުގެ ސްޕެޝަލް ފޯރސަސްއާއެކު މަސައްކަތް ކޮށް ތަމްރީނުވެފައި ތިބި ބައެއް ކަން ޝަމާލް ފާހަގަކުރެއްވިއެވެ. އަދި އަސްކަރިއްޔާގެ އެހެން ބާރުތަކަށްވުރެ ސްޕެޝަލް ފޯރސަސް މަސައްކަތް ކުރަމުންދާނީ މާކުރީގައި ކަމަށް ޝަމާލް ވިދާޅުވިއެވެ.
ދެން މި އޮންނަނީ ކްރިޓިކަލް އިންފްރާ ސްޓްރަކްޗާ ހިމާޔަތްކުރުމުގެ ބޮޑު ޒިންމާ މި އޮންނަނީ މެރިންއަށް. އެމީހުން ވެސް ތިބޭނީ ވަރަށް ގިނަ ތަމްރީނުތަކާއި އަދި ބޭރު ގައުމުތަކުގެ ސިފައިންނާ ގުޅިގެން ޖޮއިންޓް އެކްސަސައިޒް ކުރިއަށް ގެންދޭ. މިހާރުވެސް ލަންކާގެ މިލިޓަރީ އިންޖިނިއަރުންގެ ޓީމެއް ރާއްޖެއައިސްގެން ރާއްޖޭގެ ގިނަ އަދަދެއްގެ ސިފައިންނާއި އެކްސްޕްލޯސިވް އޯޑިނެންސް ޑިސްޕޯސަލްގެ ޕްރޮގްރާމެއްގެ ޓްރެއިނިން އެއް ހަދަމުންދަނީ. ކިހިނެއްތޯ ބޮމެއް ފެނިއްޖެއްޔާ ނުވަތަ ގޮއްވާލައިފިއްޔާ އެއަށް ރެސްޕޯންޑް ކުރާނެގޮތާއި އެ ތަމްރީނުތައް ހަދަމުން މި ގެންދަނީޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް
ނޮވެމްބަރު 3، 1988 ގައި ދިން ޢުދުވާނީ ޙަމަލާއަށްފަހު އެއިރު ތިއްބެވި ވެރިންނާއި ސިފައިންވެސް އަދި މިހާރު ތިއްބެވި ވެރިންވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ އެފަދަކަމެއް ދިމާވެއްޖެއްޔާ އަސްކަރިއްޔާ ކަންކަން ކުރާނެގޮތް ދެނެގަނެ އެކަންކަމަށް ތައްޔާރުވުން ކަމަށެވެ.
އެއިރު ބަންޑާރަކޮށި އެކަނި ދައުލަތުގެ ދިފާއަށްޓަކައި ހުރީ. އެހެންނަމަވެސް އަޅުގަނޑުމެންގެ މިއޮތީ ހަތަރު ކޮމާންޑެއް ހަތަރު އޭރިއާއަކަށް ބަހާލެވިގެން. ކޮންމެ އޭރިއާ ކޮމާންޑަކީ އޭގެ ޒާތުގައި އޮޕަރޭޝަނަލް ކެޕޭސިޓީ ހުރި އަމިއްލައަށް މަސައްކަތްކުރެވޭނެ ގޮތް ހެދުން ޑޮކްޓަރިންގެ އާ ދިފާއީ ސިޔާސަތުގެ އެންމެ ބޮޑު އަމާޒު. އޭރިއާ ކޮމާންޑުގެ އެ ގާބިލްކަން ހުންނާނެ. އަދި ކޯސްޓްގާޑު އިތުރަށް ފުޅާކޮށް އިތުރަށް ވަސީލަށް ހޯދާ ކޯސްޓް ގާޑަކީ ވެސް ކަނޑުމަތިން ކަމެއް ދިމާވެއްޖެއްޔާ އެއަށް ސަލާމަތްތެރިކަން ހޯދޭންވަރުގެ ގާބިލްބަޔަކަށް ހެދުމަށް މަސައްކަތް ކުރެވެމުން މިދަނީ،ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް
ޝަމާލް ވިދާޅުވީ ރާއްޖެއަށް އަންނާނެ ޙަމަލާއަކަށް ސިފައިން ތިއްބަވާނީ އަބަދުވެސް ތައްޔާރުވެގެން ކަމަށެވެ. އެގޮތުން ރާއްޖޭގެ ހަތަރު ޞަރަޙައްދުގައި ޤާއިމުކުރެވިފައިވާ ކޮމާންޑުން އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބޭކަމަށް ޝާމާލް ވިދާޅުވިއެވެ.