ބޮމްބޭ ޖޭމް އިންސްޓްރަކްޓަރ ޓްރެއިނިންގ ޕްރޮގްރާމު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ފިޓްޒޯންގައި ދެ ދުވަހަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 16 ފަރާތަކުން ބައިވެރިވިއެވެ.
މި ޓްރެއިންގް އާއި ގުޅޭ ގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތުދެމުން ބޮމްބޭ ޖޭމްގެ މާސްޓަރ ޓްރެއިނަރެއް ކަމަށް ވާ ޕަރެކްޝަތު ޖަވާން ބުނީ މި ޓްރެއިނިންގައި މައިގަނޑުގޮތެއްގައި ފޯކަސްކޮށްފައިވަނީ ކާޑިއޯ އާއި ޓޯނިންގްގެ ބަޔަށް ކަމަށެވެ. އަދި މި ޓްރެއިނިންގް ގައި ބޮމްބޭ ޖޭމްގެ އިންސްޓްރަކްޓަރަކަށް ވުމަށް ހުންނަން ޖެހޭ ކަންތައްތައް ދަސްކޮށްދެވޭ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ކްލާހެއް ކުރިއަށް ގެންދާނެ ގޮތްތަކާއި ޓްރެއިނިންގް ހޯދަން އަންނަ ފަރާތްތަކާއި މުޢާމަލާތް ކުރާނެ ގޮތް ދަސްކޮށްދީފައިވާނެކަމަށް ވެސް ޕަރެކްޝަތު ޖަވާން ބުންޏެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދިޔަ މި ޕްރޮގުރާމުގެ ފުރަތަމަ ދުވަސް ޚާއްޞަކޮށްފައިވަނީ ޓޯނިންގްގެ ޕްރެކްޓިކަލްއާއި ކާޑިއޯގެ ސްޓްރަކްޗަރަށްކަމަށް މަޢުލޫމާތު ލިބެއެވެ.
ބޮމްބޭ ޖޭމްގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރެއް ކަމަށްވާ އަމްރިތާ ޔާދަވް ބުނީ ބޮމްބޭ ޖޭމްއަކީ ނެށުމަށް ފޯކަސްކޮށްގެން ގެންދެވޭ ވޯރކްއައުޓް ޕްރޮގްރާމެއް ކަމަށެވެ.
ބޮލީވުޑްގެ ރަހަތަށް އެކުލެވޭ މި ޕްރޮގްރާމުގައި ބޭނުން ކުރެވެނީ ވެސްޓަރން އަދި ބޮލީވުޑްގެ އެންމެ މަޤުބޫލު ލަވަތަކެވެ. ބޮމްބޭ ޖޭމް އިންޑިއާއަށް މިއަހަރުގެ ކުރީ ކޮޅު ލޯންޗުކޮށްފައިވާ ކަން ފާހަގަކޮށް އަމްރިތާ ބުނީ ސައުތު އޭޝިއާގެ އެހެން ގައުމުތަކަށް ވެސް މި ޕްރޮގްރާމް ލޯންޗު ކުރުމަށް އަމާޒު ކުރާ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ދެވަނަ ގައުމެވެ.
މި ޓްރެއިނިންގް ނިންމާ ފަރާތްތަކަށް އިންސްޓްރަކްޓަރުންގެ ހުއްދަ ލިބެއެވެ. އަދި ބޮމްބޭ ޖޭމްގެ ކްލާސްތައް ނަގާދިނުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް އަމްރިތާ ބުންޏެވެ. އޭނާ ބުނީ ރާއްޖޭގައި މި ޕްރޮގްރާމް ވަރަށް ކާމިޔާބު ވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.