ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަމަދު ނަޝީދު ދެކުނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ދެކުނުގެ ހަތަރު އަތޮޅަށް ރައީސް ނަޝީދު މިދިޔަ ބުދަ ދުވަހު ފެއްޓެވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފައިވަނީ އާދިއްތަ ދުވަހު ހަވީރު އެވެ.
ނަޝީދުގެ މި ދަތުރުފުޅުގައި މިދިޔަ ބުދަ ދުވަހު ވަޑައިގެންފައިވަނީ ގދ. ތިނަދުއަށެވެ. ބުދަ ދުވަހުގެ ރޭ ގއ. ވިލިނގިއްޔަށް ވަޑައިގެން ބުރާސްފަތި ދުވަހު އެރަށުގައި ބޭއްވި ފަސް އަތޮޅުގެ ކައުންސިލުން ބައިވެރިވި " ދެކުނު މަހާސިންތާ 2019" ވަނީ ފައްޓަވައިދެއްވާ ސެޝަންތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ވިލިނގިލީގައި އަލަށް އިމާރާތް ކުރާ ފެނަކަ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވާފައެވެ.
އަދި ހުކުރު ދުވަހު ރައީސް ނަޝީދު ވަނީ ފުވައްމުލައް ސިޓީއަށް ވަޑައިގެންފައެވެ. އެއަށްފަހު އައްޑޫ ސިޓީއަށް އެމަނިކުފާނު ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހު އެވެ.
މި ދަތުރުފުޅުގައި ރައީސް ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް ގިނަ ޢަދަދެއްގެ ރައްޔިތުން ނުކުމެ އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ކޮންމެ ރަށަކަށް ވަޑައިގެން އެރަށެއްގެ ކައުންސިލާއި ބައްދަލުކުރައްވާ ކައުންސިލުގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ކޮންމެ ރަށެއްގައިވެސް ހުންނަ އެމްޑީޕީގެ ހަރުގެއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނު ވަނީ އޮޅުން ފިލުއްވާފައެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި މި ދާއިރާތަކަށް ނިޞްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.