Advertisement
ކ. މާލެ
|
2 ނޮވެންބަރ 2019 | ހޮނިހިރު 16:37
(ކަނާތްފަރާތުން ވައަތްފަރާތަށް) އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ދާދިފަހުން ފަނޑިޔާރުކަމުން ވަކިކޮށްފައިވާ އަބްދުﷲދީދީ
(ކަނާތްފަރާތުން ވައަތްފަރާތަށް) އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ދާދިފަހުން ފަނޑިޔާރުކަމުން ވަކިކޮށްފައިވާ އަބްދުﷲދީދީ
ރައީސް އޮފީސް
ޖުޑީޝަލް ކައުންސިލް
ޖުޑީޝަލް ކައުންސިލުގެ ބައްދަލުވުމެއް ބޭއްވިކަން، އަދި ނިންމި ނިންމުމެއްވެސް ނޭނގޭ: ސުޕްރީމް ކޯޓުގެ އެސްޖީ
އުސޫލެއްގެ ގޮތުން ސެކެޓަރީއަށް އަންގަންޖެހޭ
ނުރަސްމީ ގަޑީގައި ކޯޓު ހުޅުވާ ލައްޕާނަމަ، އިދާރީ އިސްވެރިޔާއަށް އެނގެންޖެހޭ
ޖޭއެސްސީއިން ދަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ހިމެނޭގޮތަށް ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަމުން

ޖުޑީޝަލް ކައުންސިލުގެ ބައްދަލުވުމެއް ހުކުރު ދުވަހުގެ ރޭ ބޭއްވިކަން، އެބައްދަލުވުން ބޭއްވުމުގެ ކުރިން، އެނގިވަޑައިނުގަންނަވާ ކަމަށް ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނަރަލް ޑރ. ހަސަން ފާއިޒު ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ކައުންސިލުން ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމަށް އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބައެއް ފަނޑިޔާރުންނަށް ނޭނގި އެ ކައުންސިލްގެ ބައްދަލުވުން ބާއްވާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ސުޕްރީމް ކޯޓުގެ ސެކެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒު ވިދާޅުވީ އެބައްދަލުވުން ބާއްވާކަން އޭނާއަށް ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް އެ ރޭގެ ދަންގަޑިއެއްގައި ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް ބޭއްވިކަން އެނގުނުކަމަށާއި ނަމަވެސް އެ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުތައް އަދި މިވަގުތާ ހަމައަށް ވެސް އެނގިފައި ނުވާކަމަށެވެ.

ޖުޑީޝަލް ކައުންސިލް އެކުލަވާލެވިފައިވަނީ، އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައި ކޯޓުގެ އިސްފަނޑިޔާރާއި ސްޕީރިއާ ކޯޓުގެ އިސްގާޒީންނާއި އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ އިތުރުން ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓެވެ.

ޖުޑީޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ހުކުރު ދުވަހުގެ ރޭ ބާއްވާފައި މިވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އުއްތަމަ ފަނޑިޔާރު ހިމެނޭގޮތަށް އެކޯޓުގެ އިތުރު ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

ސުޕްރީމް ކޯޓްގެ ސެކެޓަރީ ޖެނެރަލް ޑރ. ފާއިޒް ވިދާޅުވީ އެ ބައްދަލުވުން އޮތް ކަން ރަސްމީކޮށް އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް އުސޫލެއްގެ ގޮތުން، އެ ބައްދަލުވުން ބާއްވާކަން އޭނާ އަށް ވެސް އަންގަން ޖެހޭ ކަމަށް ފާއިޒު ވިދާޅުވި އެވެ.

ފާއިޒު ވިދާޅުވީ ޖޭއެސްސީގެ ގާނޫނުގައި މިހާރު އޮތްގޮތުން، ކޯޓުތަކުގެ އިދާރީ ކަންކަން ކުރުމުގައި އެކޯޓެއްގެ ސެކެރެޓަރީ ޖެނެރަލް ނުވަތަ ރެޖިސްޓަރާ ދައުރު ބޮޑު ކަމަށެވެ.

އެގޮތުން، ނުރަސްމީ ގަޑިތަކުގައި ކޯޓު ހުޅުވައި ލައްޕާނަމަ، ސުޕްރީމް ކޯޓުގައި ނަމަ އޭނާއަށް އެނގެޖެހޭ ކަމަށް ވެސް ފާއިޒު ވިދާޅުވި އެވެ. ނަމަވެސް ފާއިޒު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ޖުޑީޝަލް ކައުންސިލުން ބައްދަލުވުމެއް ބޭއްވިކަން އެނގިވަޑައިގެންނެވީ އެ ރޭ ވަރަށް ލަސްވިފަހުން ކަމަށެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ފަށާފަ އެވެ. އެގޮތުން މަޖިލީހުގައި ޖުޑީޝަރީއަށް ހާއްސަ ދާއިމީ ކޮމެޓީއެއް އޮންނައިރު، ޖޭއެސްސީގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުރިން ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ވަނީ ޖޭއެސްސީގެ ދަށަށް ބަދަލުކޮށްފަ އެވެ.

Advertisement

މީގެއިތުރުން، ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ އުސޫލުތަކަށް ވެސް ވަނީ ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން ޖޭއެސްސީން ފަނޑިޔާރުންނާ މެދު އަޅާ ފިޔަވަޅުތަކުގެ މައްސަލަ އެއްވެސް ކޯޓަކަށް ނުބެލޭ ގޮތަށް ވެސް ޖޭއެސްސީގެ ގާނޫނު އިސްލާހުކޮށްފައި ވެއެވެ.

ޖޭއެސްސީއަކީ، ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ. އަދި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމަށް، ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވުމަކީ ވެސް އެކޮމިޝަނުގެ މައްޗަށް ގާނޫނުން މަތިކޮށްފައިވާ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދަނިކޮށް، އެކޯޓުން ވަނީ ޖޭއެސްސީއަށް އެމައްސަލަ ނުބެލޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ޖޭއެސްސީންނާއި މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ބުނަނީ ޖޭއެސްސީން، ޖޭއެސްސީއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމުންދާނެ ކަމަށެވެ.

ޖުޑީޝަލް ކައުންސިލުން ކުއްލި ބައްދަލުވުމެއް ހުކުރު ދުވަހުގެ ރޭ ބޭއްވުމާއި ގުޅިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއާއި ޖޭއެސްސީން ވެސް ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ.

ހުކުރު ދުވަހުގެ ރޭ ޖޭއެސްސީން ބޭއްވި ބައްދަލުވުމަށްފަހު، އެކޮމިޝަނުން ބަޔާނެއްވެސް ނެރެފަ އެވެ. ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވަނީ، ގާނޫނަށް ގެނައި އިސްލާހަށް އަމަލު ނުކުރަން ނުވަތަ އޭގެ ބާރު ކެނޑޭ ފަދަ އެއްވެސް ނިންމުމެއް ޖުޑީޝަލް ކައުންސިލުން ނިންމައިފި ނަމަ، އެކަމުގައި ބައިވެރިވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާނެ ކަމަށެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ހުކުރު ދުވަހުގެ ރޭ ގެ ބައްދަލުވުމުގައި އެކޮމެޓީން ނިންމާފައިވަނީ، ޖޭއެސްސީ އާއި ޑީޖޭއޭގެ ބަހެއް ހޯދުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް