Advertisement
ކ. މާލެ
|
1 ނޮވެންބަރ 2019 | ހުކުރު 19:13
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ޓްވިޓަރ
ޖުޑިޝަރީ ކޮމިޓީ
އުއްތަމަ ފަނޑިޔާރުގެ ބަޔާނާއި ގުޅިގެން ޖުޑިޝަރީ ކޮމިޓީގައި މަޝްވަރާ ކުރުން މިރޭ
ކޮމިޓީގެ ބައްދަލުވުން ހުކުރު ދުވަހުގެ ރޭ 8:30 ގައި ބޭއްވުމަށް ވަނީ ނިންމާފައި
ސުޕްރީމް ކޯޓުގެ ހުކުމްތަކާއި ގުޅިގެން ފަނޑިޔާރުންގެ މައްސަލަ ބެލުމަކީ ޖޭއެސްސީއަށް ނުބެލޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި

ސުޕްރީމް ކޯޓުގެ ހުކުމްތަކާއި ގުޅިގެން ފަނޑިޔާރުންގެ މައްސަލަ ބެލުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބެލޭނެ މައްސަލަތަކެއް ނޫންކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި މައްސަލައާއި ގުޅިގެން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ޖުޑިޝަރީ ކޮމިޓީން ހުކުރު ދުވަހުގެ ރޭ 09:00 ގައި ބޭއްވުމަށް ނިންމި ބައްދަލުވުމާއި ގުޅިގެން އެ ކޮމިޓީން ބުނީ އުއްތަމަ ފަނޑިޔާރު ބައިވެރިވެވަޑައިގެން ގާނޫނުތަކަށް އަމަލު ނުކުރެއްވުމަށާއި، ޖޭއެސްސީ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ގާނޫނީ ދައުރަށް ހުރަސްތަކެއް ކުރިމަތި ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމާ ގުޅިގެން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އުއްތަމަފަނޑިޔާރުގެ ވާހަކަތަކާއި ގުޅިގެން ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ އިރު، ސުޕްރީމް ކޯޓުގެ ހުކުމްތަކާއި ގުޅިގެން ފަނޑިޔާރުންގެ މައްސަލަ ބެލުމަކީ ޖޭއެސްސީ އަށް ބެލޭނެ މައްސަލަތަކެއް ނޫންކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުން ނުވަތަ އެހެން ކޯޓަކުން ވިޔަސް ނިންމާފައިވާ ގަޟާއީ ނިންމުމެއް މުރާޖަޢާ ކުރުމާއި އޭގެ ސައްހަކަން ބެލުމާއި އެކަމާއި އެއީ ގާނޫނު އަސާސީއާ ގާނޫނުތަކާ އެއް ގޮތަށް ނިންމުމެއްތޯ ބެލުމަކީ، ޖޭއެސްސީއަށް ނުވަތަ ދައުލަތުގެ އެހެން ބާރަކަށް ވެސް ކުރެވޭނަ ކަމެއް ނޫން ކަމަށާއި، އެއީ ގައިރުގާނޫނީ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

Advertisement

އޭގެ އިތުރުން ފަނޑިޔާރުން ނިންމާ ނިންމުންތަކާއި ގުޅިގެން ސުލޫކީ މައްސަލަ ބެލުމަކީ، ބައިނަލްއަގްވާމީ މިންގަނޑުން ބެލިކަމުގައިވީ ނަމަވެސް، ކުރެވޭނެ ކަމެއް ނޫންކަމަށް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާއި ގުޅޭ ގޮތުން (އުއްތަމަ ފަނޑިޔާރު ވެސް ހިމެނޭ ގޮތަށް)، މި މަހުގެ 13 ވަނަ ދުވަހު ޖޭއެސްސީން ބަލަން ފެށި ސުލޫކީ މައްސަލަތަކަށް ރައްދު ދެއްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކުގެ ތެރޭގައި ހިމަނާފައިވާ 15 ކަމުގެ ތެރޭގައި، ޖޭއެސްސީއަށް ބެލުމުގެ ބާރު ލިބިގެންވާ އެއްވެސް ސުލޫކީ މައްސަލައެއް ނެތް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، ޖޭއެސްސީން މިހާރު އެ ހިންގާ އަމަލުތަކަކީ، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ކަނޑުވާލުމުގެ ގޮތުން ހިންގާ އަމަލުތަކެއް ކަމަށާއި، މިއީ ފަނޑިޔާރުންނަށް ބިރު ދައްކައިގެން ވަކި ބައެއްގެ ބާރާއި ނުފޫޒާއި ކޮންޓްރޯލުގެ ދަށަށް ދިވެހިރާއްޖޭގެ ކޯޓުތަކާއި ފަނޑިޔާރުން ގެންދިއުމުގެ ގޮތުން ކުރާ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މި އަމަލުތަކަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ މުޅިން ހިލާފު އަމަލުތަކެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ބަޔާން ނިންމަވާލައްވަމުން ވަނީ، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރގެ މިނިވަންކަމާއި މުސްތަގިއްލުކަން ކަށަވަރުކޮށް ނަގަހައްޓަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށާއި، ދައުލަތުގެ ކަމާބެހޭ އެހެން ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް