ކ. މާލެ
|
15 މާރޗް 2017 | ބުދަ 03:11
މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝާނުން ކުރިއަށްގެންދާ މުބާރާތެއްގެ ތެރެއިން
މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝާނުން ކުރިއަށްގެންދާ މުބާރާތެއްގެ ތެރެއިން
ރާއްޖެއެމްވީ
ފޫލް ބިލިއަޑް
ފުރަތަމަ ރިސޯޓް ބިލިއަޑް މުބާރާތް އަންނަ މަހު
މިއީ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ މުބާރާތް
އިންޓަރ އޮފީސް މުބާރާތް މެއި މަހު ބާއްވަން ވަނީ ހަމަޖައްސާފަ
ފުރަތަމަ ރިސޯޓް މުބާރާތުގައި 15 ރިސޯޓު ބައިވެރިވާނެ

މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ފުރަތަމަ ފަހަރަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ރިސޯޓް ބިލިއަޑް މުބާރާތް ކުރިއަށް އޮތް އޭޕްރިލް މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ބިލިއަޑް އެސޯސިއޭޝަނުން މުޅިން އަލަށް ބޭއްވުމަށް ތައްޔާރުވަމުންދާ މި މުބާރާތުގައި ބައިވެރިވުމަށް މިހާތަނަށް 15 ރިސޯޓަކަށް ދައުވަތު ދީފައިވާ އިރު، އެ ރިސޯޓްތަކުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

ޕޫލް ބިލިއަޑް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ބިޝާރު ވިދާޅުވީ އެހެން މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ބައިވެރިވުމަށް އޯޕަންކޮށް ފުރުސަތު ހުޅުވާ ނުލައި ވަކިވަކި ރިސޯޓްތަކުން މުބާރާތުގައި ވާދަކުރުމަށް ދައުވަތު ދީފައި ވަނީ ހުރިހާ ރިސޯޓްތަކަށް ހުޅުވާލައިގެން މިވަރުގެ މުބާރާތެއް ބޭއްވޭނެ ވަރުގެ ޖާގައިގެ ތަނަވަސްކަން އެ އެސޯސިއޭޝަނަށް ލިބިފައި ނުވާތީ ކަމަށެވެ.

ބިޝާރު ވިދާޅުވީ އެސޯސިއޭޝަނުގެ އެކްސްކޯގެ އަބަދުވެސް ބޭނުމަކަށް ވަނީ މި ކުޅިވަރަށް ވީހާވެސް ގިނަ ފަރާތްތަކެއް އަހުލުވެރިކޮށް، މި ކުޅިވަރު ކުޅޭނެ ދެ ޖިންސުގެ ކުޅުންތެރިންތަކެއް ވުޖޫދުކުރުން ކަމަށެވެ.

ބިޝާރު ވިދާޅުވީ މި މުބާރާތް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެއްސުމުން ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މާލެ އައިސް މުބާރާތްތަކުގައި ވާދަކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އެހެން ނަމަވެސް ރިސޯޓްތަކުގައި މުބާރާތް ކުރިއަށް ގެންދިއުމަކީ ވެސް ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި ރިސޯޓްތަކުގައި މުބަރާތް ކުޅޭ ފެންވަރުގެ ބިލިއަޑް މޭޒު ނުހުރުމަކީވެސް މާލޭގައި މުބާރާތް ބާއްވަން ނިންމި ސަބަބެއް ކަމަށް ބިޝާރު ވިދާޅުވި އެވެ.

ސިންގަލްސް އަދި ޑަބަލްސް ކެޓަގަރީ ހިމަނައިގެން ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށްދާނީ ބެސްޓް އޮފް ތްރީ ޓޭބަލްސްގެ އޮނިގަނޑަށް އެއިޓް ބޯލްސް ވޯލްޑް ޕޫލް އެސޯސިއޭޝަންގެ މިންގަނޑާ އެއްގޮތަށެވެ.

ރިސޯޓް ބިލިއަޑް މުބާރާތުގެ އިތުރުން އިންޓަރ އޮފީސް ބިލިއަޑް މުބަރާތް ރޯދައިގެ ކުރިން މެއި މަހުގައި ބޭއްވުމަށް ވެސް އެ އެސޯސިއޭޝަނުން ދަނީ ތައްޔާރުވަމުންނެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މުބާރާތުގައި އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން މިކްސް ޑަބަލްސް އިވެންޓު ވެސް ވަނީ ހިމަނާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް