Advertisement
ކ. މާލެ
|
31 އޮކްޓޯބަރ 2019 | ބުރާސްފަތި 13:41
ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ
ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ
މުހައްމަދު ޝަރުހާން
ޖޭއެސްސީ
ފަނޑިޔާރު އާދަމް މުހައްމަދަށް ވަކީލަކު އައްޔަންކުރުމަށް ފަހު ފުރުސަތުދީފި
މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ އަންނަ މަހުގެ 4 ވަނަ ދުވަހު

ވަކީލަކު އައްޔަންކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަށް ފަހު ފުރުސަތެއް ދިނުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ތަހުޤީޤް ޓީމުން ނިންމައިފި އެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައިގެ ތަހުޤީޤްގެ ދެ ވަނަ އަޑުއެހުން ފެށުމާއެކު ފަނޑިޔާރު ވަނީ ވަކީލަކު އައްޔަންނުކުރެވޭކަމަށް ވިދާޅުވެ ޝަކުވާތައް ފައްޓާވާފަ އެވެ. އަދި ވަކީލަކު އައްޔަންކުރުމަކީ ޤާނޫނު އަސާސީން ކޮންމެ މީހަކަށްވެސް ލިބިދޭ ހައްޤެއްކަމަށް ތަކުރާރުކޮށް ފަނޑިޔާރު ވިދާޅުވަމުންގެންދެވި އެވެ.

ފަނޑިޔަރުގެ އެ ވާހަކަތަކާއި ގުޅިގެން ތަހުޤީޤް އަޑުއެހުމުގައި ވާހަކަދައްކަވަމުން ޖޭއެސްސީގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ޖޭއެސްސީގެ ޤާނޫނަށް ގެނެވިފައިވާ އިސްލާހުން ވަކީލަކު އައްޔަންކުރުމަށް އެންމެ މަދުވެގެން 24 ގަޑިއިރުދޭންޖެހޭކަމަށް ބުނެފައިވާއިރު، ފަނޑިޔާރު އަޑަމް މުހައްމަދަށް 24 ގަޑިއިރަށްވުރެ އިތުރު ފުރުސަތުދީފައިވާކަމަށެވެ. އަދި ވަކީލަކު އައްޔަންކުރުމަށް ފަނޑިޔާރަށް ފަހު ފުރުސަތެއް އަރުވާކަމަށެވެ. އެގޮތުންދެވޭ އެންމެފަހު ފުރުސަތަކީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ 10:30 ކަމަށް ހިސާން ވިދާޅުވި އެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ ގާނޫނީ ވަކީލުންގެ ގޮތުގައި ހަމަޖައްސާފައިވާ، ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށުން ހިނގަމުންދިޔަ ޖުޑީޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދު އެވެ.

ޖޭއެސްސީގެ ތަހުގީގު ކޮމެޓީގެ ބުދަ ދުވަހުގެ ބައްދަލުވުމުގައި، ފަނޑިޔާރު އާދަމް މުހައްމަދުގެ ގާނޫނީ ވަކީލަކަށް ޖަމީލު ބަލައި ނުގަންނަން ވަނީ ނިންމާފަ އެވެ. ސަބަބެއް ކަމަށް ވަނީ، ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ ދުސްތޫރީ މައްސަލައެއްގެ އެއް ހަސްމަށް ޖަމީލު ވެވަޑައިގަންނަވާތީ އެވެ. އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔާރު އާދަމް މުހައްމަދު ހިމެނިވަޑައިގަންނަވާތީ، އެއީ ފަނޑިޔާރުގެ ސުލޫކީ މިންގަޑާ ހިލާފުކަމެއް ކަމަށެވެ. އަދި ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި އެމައްސަލަ ޖޭއެސްސީއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ތަހުގީގު ކޮމެޓީން ނިންމާފައި ވެއެވެ.

Advertisement

ޖަމީލު ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކީ، އޭނާ ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރި ގޮތާގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައެކެވެ.

ތަހުޤީޤް އަޑުއެހުމުގައި ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވީ ޖަމީލް ހުށަހެޅުއްވި މައްސަލަތަކުން ތަނާޒުލްވެފައިވާކަމަށާއި، އެހެންކަމުން ޖަމީލް ވަކީލަކަށް އައްޔަންކުރުމަކީ މައްސަލައެއް ކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ. އަދި ވިދާޅުވީ މައްސަލައިން ތަނާޒުލްވިއިރު، އެ މައްސަލައަކީ ސުޕްރީމް ކޯޓުން ފުލް ފަނޑިޔާރުންގެ ބެންޗުން ބަލަންޖެހޭފަދަ ދުސްތޫރި މައްސަލައެއްވެސް ނޫންކަމަށެވެ. އެކަން ފާހަގަކޮށް ފަނޑިޔާރު އަދާމް މުހައްމަދު ވަނީ ޖަމީލް ބަލައިނުގަތުމަށް ނިންމި ނިންމުން މުރާޖާކޮށްދިނުމަށްވެސް ތަކުރާރުކޮށް ހުށަހަޅާފަ އެވެ. ނަމަވެސް ޖޭއެސްސީގެ ތަހުޤީޤް ޓީމުން ބުނެފައިވަނީ އެ ނުކުތާގައި މިހާރު ގޮތެއް ނިންމާފައިވާކަމަށެވެ.

ދެވަނަ ގާނޫނީ ވަކީލެއްގެ ގޮތުގައި ބުދަ ދުވަހުގެ އަޑުއެހުމަށް ވަޑައިގެންނެވި މާޖިދު ބުރާސްފަތި ދުވަހުގެ އަޑުއެހުމަށް ވަޑައިގަންނަވާފައެއް ނުވެއެވެ. އަދި އޭނާ ވަޑައިނުގެންނެވި ސަބަބެއް ފަނޑިޔާރު އާދަމް މުހައްމަދަށާއި، ޖޭއެސްސީއަށްވެސް އަންގަވާފައި ނުވެއެވެ.

ފަނޑިޔާރު ވިދާޅުވީ ވަކީލަކު ހޯދުމަށް ވަރަށް މަސައްކަތްކުރެއްވިކަމަށެވެ. ނަމަވެސް ވަކީލަކު ލިބިވަޑައިނުގެންނެވިކަމަށާއި، ވަކީލުން އެކަމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށެވެ. ސަބަބެއްކަމަށް ފަނޑިޔާރު އަދަމް މުހައްމަދު ވިދާޅުވީ ދެން ވަޑައިގަންނަވާ ވަކީލަކުވެސް ބަލައި ނުގަތުމަށް ޖޭއެސްސީން ނިންމަފާނެތީ އާއި، އެ ވަކީލްގެ މައްސަލަ ބަރ ކައުންސިލަށް ފޮނުވާކަމުގެ ބިރު ވަކީލުންނަށް އޮތުމުންނެވެ.

ބުދަ ދުވަހު އާންމުކޮށް ހުޅުވާލައިގެން ބޭއްވި ތަހުޤީޤް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޖޭއެސްސިގެ ނައިބް ރައީސް މަސްތޫރު ހުސްނީ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް