ޕާކިސްތާނުގައި ތިން ފަހަރަށް ބޮޑު ވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފުގެ ސިއްހީ ހާލުކޮޅު ވަރަށް ގޯސް ކަމަށް އެމަނިކުފާނުގެ ޑޮކްޓަރު ބުނެފިއެވެ.
ކޮރަޕްޝަންގެ މައްސަލައެއްގައި ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން ފަރުވާދިނުމަށްޓަކައި ވަނީ ލާހޯރުގެ ހޮސްޕިޓަލަށް ބަދަލުކުރެވިފައެވެ.
އެމަނިކުފާނަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހު ހާޓްއެޓޭކެއް ވެސް ޖެހުނު ކަމަށް ބައެއް މިޑިއާ ރިޕޯޓްތަކުން ބުނެއެވެ.
ނަވާޒް ޝަރީފްގެ ހާއްސަ ޑޮކްޓަރު އަދްނާން ޙާން މީޑިއާތަކަށް ބުނެފައިވަނީ ޕްލޭޓްލެޓް ދައްވުމުގެ ސަބަބުން އެމަނިކުފާނުގެ ކިޑްނީއަށް ވެސް މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.
ނަވާޒް ޝަރީފްގެ ސިއްހީ ހާލުކޮޅު ގޯސް ވުމުގެ ސަބަބުން ލާހޯރުގެ ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމަށް ހުކުމްކޮށްފައެވެ.
އެ ކޯޓުން ކޮށްފައިވާ ހުކުމަށް ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު އިމްރާން ހާން ވެސް ވަނީ އެއްބަސްވެ ވަޑައިގަންނަވާފައެވެ.