ކ. މާލެ
|
30 އޮކްޓޯބަރ 2019 | ބުދަ 13:35
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސް ފޮނުއްވެވި ދިޔާނާ އަދި މަހާޒް އަލީ ޒާހިރު -
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސް ފޮނުއްވެވި ދިޔާނާ އަދި މަހާޒް އަލީ ޒާހިރު -
މަޖިލިސް
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒު އައްޔަން ކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި
ޖޭއެސްސީން ވަކި ބޭފުޅަކު އައްޔަން ކުރެއްވުމަށް ލަފާ އަރުވާފައެއް ނުވޭ
ސުޕްރީމް ކޯޓުގައި ހުސްވެފައި ވަނީ އެންމެ ފަނޑިޔާރެއްގެ ޖާގަ
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ މަގާމުން ވަކިކުރައްވާފަ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަން ކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މިކަމަށް ތްރީލައިން ވިޕެއް ނެރެފައިވަނީ ބުދަ ދުވަހު މެންދުރު މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގަ އެވެ.

މަހާޒުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ދެން ހުށަހެޅިފައިވާ ނަންފުޅަކީ ފާތުމަތު ދިޔާނާ ސައީދު އެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު ކަނޑައެޅިގެންދާނެ އެވެ.

އެ ދެ ބޭފުޅުންގެ ނަންފުޅުތައް އިތުރަށް ދިރާސާ ކުރެއްވުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުއްވުމުން، އެކޮމެޓީން ވަކި ބޭފުޅަކު އައްޔަން ކުރެއްވުމަށް ލަފާ އަރުވާފައެއް ނުވެއެވެ. އެހެންކަމުން، އަލުން އެ ކޮމިޓީއަށް ރިޕޯޓް ފޮނުވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ނިންމެވި އެވެ. ނަމަވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުން އިންޓަވިއު ކުރުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިޖުރާއަތްތައް ފުރިހަމަ ކުރިތޯ ބެލުންކަމަށް މަޖިލީހުގެ ބައެއް މެންބަރުން ފާހަގަކުރެއްވުމުން ރައީސް ނަޝީދު ފަހުން ވަނީ ނިންމުން ބަދަލު ކުރައްވައި އެ ރިޕޯޓް އެޖެންޑާ ކުރުމަށް ނިންމަވައިފަ އެވެ.

މަހާޒު އާއި ދިޔާނާގެ ނަންފުޅު ޖޭއެސްސީން ރައީސަށް ލަފާއަރުއްވާފައިވަނީ ސެޕްޓެމްބަރު މަހުއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ މީހުން އަތުން ފައިސާ ނެންގެވިކަމުގެ ތުހުމަތު ކުރެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ރައްޔިތުންގެ މަޖިލީހުން ވަކިކުރުމާއި ގުޅިގެން، އެ މަގާމު ވަނީ ހުސްވެފައެވެ. އެމަގާމަށް ފަނޑިޔާރަކު އައްޔަންކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ހަ ބޭފުޅަކު ވަނީ ކުރިމަތި ލައްވާފައެވެ. ނަމަވެސް ޖޭއެސްސީން ރައީސަށް ލަފާއެރުއްވީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދިޔާނާ ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ފެނިވަޑައިގަންނަވާކަމަށެވެ.

މަހާޒްގެ ނަންފުޅު ހުށަހެޅުއްވީ ރައީސް ސޯލިހްގެ ފަރާތްޕުޅުންނެވެ. އަދި ޖޭއެސްސީންވެސް ވަނީ މަހާޒްވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ފެނިވަޑައިގަންނަވާކަމަށް ނިންމަވާފަ އެވެ.

މަހާޒް މިހާތަނަށް ހުންނެވި ޑްރަގް ކޯޓުގެ ފަނޑިޔާރުކަމުގަ އެވެ.

ދިޔާނާއަކީ މީގެކުރިން ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވި ބޭކަނބަލެކެވެ. އޭގެތެރޭގައި ބަންޑާރަ ނައިބުކަމުގެ އިތުރުން، ސާރކްގެ ސެކެރެޓަރީ ޖެނެރަލްގެ ކަމުގެ މަގާމުވެސް ހިމެނެއެވެ. ދިޔާނާއަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުންނެވެ.

އެންމެފަހުން އައްޔަންކުރެވުނު ޑރ. އަޒްމިރަލްދާ ޒާހިރާއި، އައިޝާ ޝުޖޫން މުހައްމަދާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިވަގުތު ތިއްބެވީ 6 ފަނޑިޔާރުންނެވެ. ކޯޓުތަކުގެ ގާނޫނަށް އެންމެފަހުން ގެނެވުނު އިސްލާހުގައިވާގޮތުން ސުޕްރީމް ކޯޓުގެ ބެންޗުގައި އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 7 ފަނޑިޔާރުން ތިއްބަންޖެހެ އެވެ.

- ކޮމެންޓް