ހއ. އުތީމުގައި ޓޫރިޒަމް ތަރައްގީ ކުރަން ކައުންސިލުން ދޫކޮށްފައިވާ ސަރަހައްދުގައި ސަރުކާރުން ދޭން ޖެހޭ ހުއްދަތަކެއް ނުލިބުމުގެ ސަބަބުން އެ މަސައްކަތައް ހުރަސްއެޅިފައިވާ ކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ.
ރަށުގެ ތަރައްގީ އަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ރާއްޖެ.އެމްވީއާ ހިއްސާކުރައްވަމުން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، އުތީމު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ ރަށު ޓޫރިޒަމް ޒޯނުގެ މައްސަލަ ކަމަށެވެ.
އުތީމުގެ ހުޅަނގު ފަރާތް ނުވަތަ މަޝްހޫރު ނަމުންނަމަ ''ބޮޑުތަކުރުފާނު ދޫނި ހިއްޕެވި ދުނޑި'' ސަރަހައްދުން ދެ ލައްކަ ފަސްދޮޅަސް ހާސް އަކަމީޓަރުގެ ބިމެއް ޓޫރިޒަމް އަށް ތަރައްގީ ކުރުމަށް މައްޗަންގޮޅި، ޖަންބުގަސްދޮށުގެ ހާމިދު އަފީފަށް ދޫކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ.
ކައުންސިލާ އެކެ ވެވިފައިވާ އެއްބަސްވުމުގެ ދަށުން އެ ސަރަހައްދުގައި 100 އެނދުގެ ޖާގައިގެ ޓޫރިސްޓު ހޮޓަލެއް ތަރައްގީކުރަން ހަމަޖެހިފައިވެއެވެ. ކޮންޓްރެކްޓަރާއި ކައުންސިލާއި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ތަނުގެ މަސައްކަތް ކުރިޔަށް ގެންދަން ތިން އަހަރުގެ ގްރޭސް ޕީރިއަޑެއްދީފައިވާއިރު، ކައުންސިލްގެ ރައީސް ވިދާޅުވީ، މި އަހަރު ޑިސެމްބަރު މަހު އެ މުއްދަތު ހަމަވާނެ ކަމަށެވެ.
ދިހަ އަހަރަށް ދޫކޮށްފައިވާ އެ ބިމުގައި ޓޫރިސްޓު ހޮޓާ އެޅުމަށް ފަހު މަހެއްގެ މައްޗަށް ކައުންސިލަށް ކުލީގެ ގޮތުގައި ލައްކައެއްހާ ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަދި ސީއެސްއާރް ޕްރޮޖެކްޓް ތެރެއިން ގިނަ ކަންތައްތަކެއް ކުރަމަށް އެއްބަސްވެފައިވާކަން ކައުންސިލުން ފާހަގަކުރިއެވެ.
ސީއެސްއާރްގެ ތެރެއިން ގިނަ ކަންތައްތަކެއް ވެގެންދާނެ . އޭގެ ތެރޭގައި ސިއްހީ މަރުކަޒުގެ ލެބޯރެޓަރީއާ ސިއްހީ މަރުކަޒުގައި ފަސް އެނދުގެ ވޯޑާއި، އޮޕަރޭޓް ރޫމާއި، ބޮޑު ދަނޑުގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމާއި، ޕޮލިސް އިމާރާތެއް ކުރުމާއި ބައިވަރު ކަންތައްތަކެއް ސީއެސްއާރްގެ ތެރެއިން ކުރެވިގެންދާނެ.އަބްދުﷲ ރަޝީދު ~ އުތީމު ކައުންސިލުގެ ރައީސް ~
އެ ބިމުގެ އިއާއޭ އާއި ލޭންޑް ސަރވޭ ކުރެވި ނިމިފައިވާ ކަމަށާއި، އެހެން ނަމަވެސް އަމަލީ ގޮތުން މަސައްކަތްތައް ނުފެށިގެން އުޅެނީ ލިބެންޖެހޭ ބައެއް ހުއްދަތައް ނުލިބިގެން ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތްތައް އަވަސްކޮށް ދިނުމަށް މި ސަރުކާރުގައި ދެ ފަހަރެއްގެ މަތިން އެދިފައިވާކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު އެކަމަށް އިޖާބަދީފައި ނުވާކަމަށެވެ.
އަޅުގަނޑުވާނެ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސަރުކކާރަށް، ޓޫރިޒަމް މިނިސްޓަރަށް އެޑްރެސް ކުރައްވާ ރައްޔިތުންގެ ކަންބޮޑުވުން ތަކާއި މިކަން ވިހާވެސް އަވަސްކޮށް ދިނުމަށް އެދި އަޅުގަނޑުވާނީ ސިޓީއެއް ފޮނުވާފައިއުތީމު ކައުންސިލުގެ ރައީސް ~ އަބްދުﷲ ރަޝީދު ~
އުތީމަކީ ގިނަ އަދަދެއްގެ ފަތުރުވެރިންތަކެއް ޒިޔާރަތް ކުރާ ރަށަކަށްވާއިރު، ކައުންސިލުން ދެކޭ ގޮތުގައި ލޯކަލް ޓޫރިޒަމް ތަރައްގީވެގެން ދިޔުމުން އެ ރަށަށް އޭގެ ފޮނިމީރުކަން ލިބިގެންދާނެ އެވެ. އާބާދީގައި 950 ވަރަކަށް މީހުން ދިރިއުޅޭ އުތީމުގައި އާބާދީގެ ބޮޑު ބައެއް ހަރަކާތްތެރިވަނީ އިމާރާތް ކުރުމުގެ ދާއިރާގައެވެ.