ކ. މާލެ
|
30 އޮކްޓޯބަރ 2019 | ބުދަ 11:56
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
ރާއްޖެ އެމްވީ
ގާސިމް އިބްރާހިމް
ޕާޓީ ކުޑަވިޔަސް ގާނޫނީ ހުދޫދުގެ ތެރެއިން ބޭރުން ކަމެއްކުރަން ނުވިސްނަން: ގާސިމް
ޖޭޕީއަކީ ވަރަށް ކުޑަކުޑަ ޕާޓީއެއްކަމަށް ގަބޫލުކުރައްވަން
އިދިކޮޅު މެންބަރުން އައީ ބޮޑު ސޯބު އެނބުރޭގޮތަށް ކުޑަ ސޯބު އެނބުރޭތީ
ހުރިހާ ބާރެއް އެކަކަށް ލިބުމުން ވާގޮތް ސާފުވެއްޖެ

ޖުމްހޫރީ ޕާޓީއަކީ ކިތައްމެއް ކުޑަ ޕާޓީއެއް ނަމަވެސް، ގާނޫނީ ހުދޫދުގެ ތެރެއިން ބޭރަށް ނެއްޓިގެން ގޮސް ކަމެއް ކުރުމުގެ ވިސްނުން ނުގެންގުޅެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޕާޓީން އިސް ނަގައިގެން އަންގާރަ ދުވަހުގެ ރޭ ކުނޫޒްގައި ބޭއްވި 'ގައުމީ ވިންދު، ޖޭޕީގެ ވިންދު' ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ތަފާތު ގޮތްގޮތަށް ތަފާތު އަޑުތައް އަރުވަމުން، ތަފާތު ވިސްނުންތަކުގައި އެކި މީހުން ވިސްނަމުން ގެންދަވާނެ ކަމަށެވެ. އަދި ޖޭޕީއަކީ ވަރަށް ކުޑަކުޑަ ޕާޓީއެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި، މާ ބޮޑު ޕާޓީއަކަށް ހެދިވަޑައިގެން އުޅުއްވަން ބޭނުން ނުވާކަމަށް ގާސިމް ވިދާޅުވިއެވެ.

ކިތައްމެ މަދު މީސްކޮޅަކަށް ވިޔަސް އަޅުގަނޑުމެންގެ ވާހަކަ އަޅުގަނޑުމެން ދައްކާނަން. އަޅުގަނޑުމެންގެ އަޑު އުފުލާނަން. އަޅުގަނޑުމެން ބުނަންޖެހޭ ހައްގު ވާހަކަ އަޅުގަނޑުމެން ބުނާނަން. އަޅުގަނޑުމެން މި މަގުސަދުގައި މަސައްކަތް ކުރަނީ. އަޅުގަނޑުމެން ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކަށް ނިކަމެތިކަމެއް ލިބިދޭނެ ނުވަތަ ދެރަކަމެއް ވެވިދާނެ ގޮތަކަށް ވާހަކަ ދައްކާ އަދި އަމަލެއް ވެސް ހިންގާކަށް އަޅުގަނޑުމެން ނޫޅޭނަން. އަދި ގާނޫނީ ހުދޫދުގެ ތެރެއިން ބޭރަށް ނެއްޓިގެން ގޮސް ކަމެއް ކުރާކަށް ނުވިސްނާނަން. އަދި ނުވެސް ކުރާނަން. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އެއްވެސް ކަމެއް ހޯދައިގަތުމަށް އަދި ލިބިގަތުމަށް ވެސް.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް

ނަމަވެސް ޖޭޕީން ހޭލުންތެރިކަމާއެކީގައި ވަރަށް ސާބިތުކަމާ އެކީގައި ކަންކަމުގެ މައްޗަށް ވިސްނާ ވަގުތު ފާއިތުވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް ރާއްޖޭގެ ލޮބުވެތި ރައްޔިތުން އަޅަންޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކުރީ ދުވަހު ކަންކަން ހިނގައިދިޔަ ގޮތް ދިވެހި ރައްޔިތުން ހަނދާނުގައި ހުންނަވާނެ ކަމަށެވެ. އަދި އިހައްދުވަހަކު ރާއްޖޭގެ އެތައްބަޔަކަށް އަނިޔާލިބެމުންދިޔަ ކަމަށާއި، އެތައްބަޔަކު މަރާލާ އެތައް ބަޔަކު ގެއްލިގެން ދިޔައީ ކީއްވެގެންކަން އެނގިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ވެރިކަމުގެ ދެތިން ހަތަރު މަސްވީ އިރު އެކަމެއް ނުފެނޭ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމި ވަކި ހިސާބަކުން ދީލާލީމަ ވީގޮތް އަޅުގަނޑު ތިބޭފުޅުންނަށް ކިޔާދީ ސަނާ ކިޔާކަށް ނެތިން. ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވެސް އިނގޭނެ. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ އެފަދަ ފުރުސަތުތައް ލިބިގެންދިޔައީމަ އިންސާނާއަށް އިންސާނާ އޮޅޭގޮތް ދިމާވަނީ. ބާރުވެރިކަން އެމީހެއްގެ އަތްމައްޗަށް ވަކިވަރަކަށްވުރެ ގިނައިން ލިބިގެން ދިޔައީމަ މިބުނަނީ އެބްސެލިއުޓް ޕަވާ އިސް އެބްސެލިއުޓްލީ ކަރަޕްޓެޑް. އެހެންކަމަށް ވަންޏާ ބާރުވެރިކަން މީހެއްގެ އަތްމައްޗަށް ވަކިވަރަކަށް ލިބިގެންދިޔައީމަ އޭނާ ކުރަން ބޭނުންވާ ކަމެއް ބޭނުންގޮތަކަށް ކޮށްލަނީއޭ. އެ ކޮންމެ ގޮތަކަށް ވިޔަސް ވަރިހަމައޭ. ގާނޫނުއަސާސީއާއި ގާނޫނާއި ދީނާ އަދި އެހެން ކަންތައްތައްވެސް ހުރިގޮތަށް ބަހައްޓާފައި އޭނަ ބޭނުންވާކަމެއް އޭނަ ކޮށްލަނީއޭ. އެއީތޯ އެބުނާ އެއްޗަކީ. އަޅުގަނޑަކަށް މާރަނގަޅަށް ނޭނގޭ. އެންމެ ރަނގަޅަށް ކަންނޭގެ މި ދެންނެވެނީ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް

ގާސިމް ވިދާޅުވީ އެއިރު ހުރިހާކަމެއް ދިމާވީމަ އޮތީ އެންމެ އަޑެއް ކަމަށެވެ. އަދި ތިންބާރު އޮތީ އެއްބާރުގެ ގޮތުގައި ކަމަށާއި އެކަމުން ލިބުނީ ރަނގަޅެއްތޯ ނުބައެއްތޯ ވިސްނާލަން ޖެހޭ ކަމަށެވެ.

ގާސިމް ވިދާޅުވީ މިފަދަ ސުވާލުތައް ކުރުމުން ވިދާޅުވަމުންދަނީ ގާސިމްގެ ޕާޓީ، ޖޭޕީގައި ނޫންތޯ އެބޭފުޅުން އައިސް އެ ތިއްބެވީ ކަމަށެވެ. އިދިކޮޅުގެ އެވާހަކަތަކަށް ރައްދުދެއްވަމުން ގާސިމް ވިދާޅުވީ ބޮޑު ސޯބު އެނބުރޭގޮތަށް ކުޑަ ސޯބު އެނބުރޭކަމަށް އަބަދުވެސް ބުނާ ކަމަށާއި، މިއީ ދިވެހިން ގަބޫލުކުރާ ވާހަކައެއް ކަމަށެވެ. އަދި ހުރިހާ އިރެއްގައިވެސް ހުރިހާ ތަނެއްގައި ވެސް އެކަންކަން ހިނގައިދަނީ އެހެން ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރި ގިނަ ބަޔަކު ދާދިފަހުން ޖޭޕީއާއި ގުޅިވަޑައިގެންނެވި މައްސަލައިގައި އިދިކޮޅުން ޖޭޕީއަށާއި، ގާސިމަށް އިދިކޮޅުން ފާޑުވިދާޅުވެފައިވަނިކޮށެވެ.

- ކޮމެންޓް