ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ކަރަންޓު އުފެއްދުމުގެ އަގު ބޮޑު ކުރަންޖެހުމާއި އެކަމުގެ ސަބަބުން ސަރުކާރަށް މާލީ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވުމާއެކު މި މުހިންމު މައްސަލަ ޙައްލުކުރުމަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅު ތަކެއް އެޅުމަށް ގޮވާލާ ޤަރާރު މަޖިލީހަށް ހުށަހަޅާ އެ ޤަރާރުގެ ބަހުސް ފަށައިފި އެވެ.
މިޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމެވެ. ޤަރާރު ހުށަހަޅުއްވަމުން ސަލީމު ވިދާޅުވީ ދެމެހެއްޓެނެވި އުޞޫލަކުން ކަރަންޓުގެ އަގު ކުޑަކުރެވޭނެ ކަމަށާއި، އާންމު ރައްޔިތުންގެ ޢާމްދަނީ އާއި ފުދުންތެރިކަމަށް ރިއާޔަތްކުރެވި އެއްވެސް އާއިލާއަކަށް ބުރަޔަކަށް ނުވާނޭކަން ކަށަވަރު ކުރުމަށް ސަބްސިޑީ ފޯރުކޮށްދެވޭނެ ކަމަށާއި ތެލަށް ކުރާ ބޮޑު އިސްރާފު ދަށްކުރެވި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީ ކޮށް ފުޅާކުރުމަކީ މި ސަރުކާރުން ވެފައިވާ ވަޢުދެއް ކަމަށެވެ.
އަދި ކަރަންޓުގެ އަގު ބޮޑުވުމުގެ މައްސަލައަށް ބަލާއިރު، މިކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ކަރަންޓު އުފައްދަނީ ރާއްޖެއިން ބޭރުން އެތެރެކުރާ ޑީސަލްގެ މައްޗަށް ބަރޯސާވެގެން ކަމަށްވާތީ ކަމަށް ސަލީމު ވިދާޅުވި އެވެ. އަދި ޑީސަލް ގަތުމަށް 2018 ވަަނަ އަހަރު 5.4 ބިލިއަން ރުފިޔާގެ ބޮޑު ޢަދަދެއް ޚަރަދުކޮށްފައިވާ ކަން ސަލީމު ފާހަގަކުރެއްވި އެވެ. ޑީސަލް ބޭނުންކޮށްގެން އުފައްދާ ކަރަންޓަކީ އޭގެ ކޮންޓްރޯލް ރާއްޖެއަށް އޮތް އެއްޗެއްކަމަށް ނުވާކަމަށާއި ޑީސަލް ގަންނަ ރޭޓަށް ބަލާއިރު ކަރަންޓު ޔުނިޓެއްގެ އަގު ޖެހޭ މިންވަރަކީ ބޮޑު އަގެއްކަމުގައި ކަމަށް ސަލީމު ވިދާޅުވި އެވެ.
އަދި އެކަމުން ރައްޔިތުންނަށް ލުއި ހޯދައިދިނުމަށް ސަރުކާރުންދޭ އެހީ އިތުރު ކުރަމުންގޮސް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ކުރަންޖެހޭ ޚަރަދު އެއް ބިލިއަން ރުފިޔާ އާއި މިހާރު ގާތްވެފައިވާކަމަށާއި މިއީ ދެމެހެއްޓެނެވި ގޮތެއްގައި ކުރެވޭނެ ޚަރަދެއް ނޫންކަމަށް ސަލީމް ވިދާޅުވި އެވެ.
2015 ވަނަ އަހަރުގެ އަންދާޒާތަކަށް ބަލާއިރު، 1.5 މިލިއަން ޓަނުގެ ކާބަންޑައި އޮކްސައިޑް އީކުއިވަލަންޓް އަހަރެއްގެ މައްޗަށް ރާއްޖޭން ޖަށްވަށް ބޭރުކޮށްފައިވާއިރު ، އަދި އޭގެ 67 އިންސައްތަ ނިސްބަތްވަނީ ކަރަންޓް އުފެއްދުމަށް ތެޔޮ އެންދުމަށް ކަމަށްވީއިރު، ޖައްވު ހޫނު ކުރާ ގޭސްތައް ބޭރުކުރުން މަދު ކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރަމުންދާ މަސައްކަތުގައި ރާއްޖޭން އެކަށީގެންވާ ގޮތެއްގައި ބައިވެރިވުމަށް އޮތް ފުރުސަތަކީ ރާއްޖޭގައި އުފައްދާ ކަރަންޓް އިއާދަ ކުރަނިވި ވަސީލަތްތަކަށް ބަދަލު ކޮށްގެން ކަމަށް ފާހަގަ ވެފައިވާއިރު، ރާއްޖޭގައި ޑީސަލް ބޭނުންކުރާ މިންވަރު މަދު ކުރެވިއްޖެނަމަ، އަހަރަކު ގާތްގަޑަކަށް 1 މިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް އީކުއިވަލަންޓްގެ މިންވަރުގެ އަދަދަށް ގްރީން ހައުސް ގޭސް މަދުކުރެވޭނެ ކަމަށްވެފައި، މި މިންގަނޑުން ބަލައިފިނަމަ، އެއީ ޕްރެސް އެގްރީމެންޓްގެ ދަށުން، ރާއްޖޭން 2030ގެ ނިޔަލަށް ހާސިލްކުރަން ކަނޑައަޅާފައިވާ " ނޭޝަނަލީ ޑިޓާރމިންޑް ކޮންޓްރިބިއުޝަން" ކަމުގައިވާ 3.3 މިލިއަން ޓަން ކާބަންޑައިއޮކްސައިޑް އީކުއިވަލަންޓް ޓާގެޓް އެންމެ 3 އަހަރުގެ ތެރޭގައި ހާސިލްކޮށް ނިންމާލެވިދާނެ ކަމަށް ބެލެވޭ ހިނދުހޯރަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމް
ސަލީމް އިތުރަށް ވިދާޅުވީ ޑީސަލް ނޫން ވަޞީލަތްތަކުން ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބަލާއިރު، އަތްވާއި ، ވަޔާއި ކުނި އަންދައިގެން އަދި އޯޝަން ޓެކްނޮލޮޖީ ފަދަ ގޮތްތަކަކީ ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރެވިދާނެ ގޮތްތަކެއް ކަމަށް ބެލެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ކަރަންޓް ޔުނިޓެއް ޑީސަލް ބޭނުންކޮށްގެން އުފެއްދެނީ ގާތްގަޑަކަށް 4 ރުފިޔާ އަށް ކަމަށާއި 3 ރުފިޔާއަށް ވުރެ ކުޑަކޮށް އަވިން ކަރަންޓް ޔުނިޓެއް އުފެއްދިދާނެ ކަން ރާއްޖޭގައި ހާމަވެފައިވާ ކަމަށެވެ.
މިމޭރުމުން ބަލާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ 189 ރަށުގައި، ރަށެއްގައި 160 ގޭގައި، ގެއެއްގައި 3 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ހަރުކުރެވުނު ކަމުގައި ވިޔަސް، އޭގެ ސަބަބުން 91 މެގަވޮޓްގެ ކަރަންޓު އުފެއްދުމަށް މަގު ފަހިވެ، އޭގެ ސަބަބުން ބޭނުން ކުރަންޖެހޭ ޑީސަލުން އަހަރަކު 55 މިލިއަން ލީޓަރުގެ ޑީސަލް އުނިވެ، އަދި އޭގެ ނަތީޖާއެއްގެ ގޮތުން 607 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ވީ ހިނދުހޯރަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމް
މީގެއިތުރުން ޤަރާރު ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ ހަކަތައިގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ސްޓެލްކޯ އާއި ފެނަކައަކީ ހިންގުން ހަރުދަނާ ކުރަންޖެހިފައިވާ ރެގިޔުލޭޓް ކުރެވެންޖެހޭ ދެ ކުންފުނި ކަމަށެވެ. އަދި އެކަންކަން ހަރުދަނާ ކުރުމަށް ކުރާނެ ކަންތައްތަކެއްވެސް ސަލީމުގެ ޤަރާރުގައި ފާހަގަކޮށްފައި ވެއެވެ.
މި ޤަރާރަށް ވާހަކަދައްކަވަމުން މެމްބަރުން ވަނީ ޑީސަލަށް ބަރޯސާނުވެ ކަރަންޓް ފޯރުކޮށްދިނުމުގެ ވިސްނުމަކަށް ދާންޖެހޭކަމަށް ފާހަގަކުރައްވާފަ އެވެ.