Advertisement
ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 19:37
އައިޖީއެމްއެޗް
އައިޖީއެމްއެޗް
އަޒުމޫން އަހުމަދު
ފްލޫ ކްލިނިކް
ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ފަށަނީ
ތާޖުއްދީނުގައި ފްލޫ ކްލިނިކް ހުޅުވާއިރު ހުން އައިސްގެން އައިޖީއެމްއެޗަށް ދައްކާ މީހންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި

ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް އައިޖީއެމްއެޗުން ފަށާއިފި އެވެ.

އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުގައި ގާއިމް ކުރެވިފައިވާ ފްލޫ ކްލިނިކަށް ދެއްކުމަށް އަންނަ ފަރާތްތަކުން އިތުރުވުމާ ގުޅިގެން ބަލި މީހުންނަށް ލުއި ފަސޭހަތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން އެ ހޮސްޕިޓަލާ އިންވެގެން ހުންނަ ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކްގެ ބައެއް ގާއިމް ކުރުމަށްޓަކައި މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.

އެޗްވަންއެންވަން އިންފްލުއެންޒާ ބާރަށް ފެތުރެމުންދާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ، ލެވެލް ތިނެއްގެ އެލާޓް ނެރެފަ އެވެ. އަދި މި އެލާޓާ އެކު ސްކޫލުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

އައިޖީއެމްއެޗުގައި ޑޮކްޓަރަށް ދެއްކުމަށް ގިނަ އަދަދެއްގެ ބަޔަކު ގޮސް ތޮއްޖެހިފައިވާ އިރު މިހާރު ޗުއްޓީގައި ތިބި ޑޮކްޓަރުން ވެސް ހޮސްޕިޓަލަށް ނުކުތުމަށް އެހޮސްޕިޓަލުން ވަނީ އަންގާފަ އެވެ.

އެޗް1އެން1އަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 51 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ސިއްހީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވީ، އެޗްވަންއެންވަން އިން ދިފާއުވުމަށް ބޭނުންވާ ވެކްސިން ރާއްޖެއިން ލިބެން ހުރި ނަމަވެސް ހުރީ ވަރަށް މަދުންކަން ހާމަކޮށްފަ އެވެ.

މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް އެޗްފީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް