ކުރިޔަށް އޮތް ސްރިލަންކާގެ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިޔަށްގެންދިއުމަށް ދައުލަތުގެ ފަރާތުން 200،000(ދުއިސައްތަ ހާސް) އާއި ގާތްކުރާ ޢަދަދަކަށް ދައުލަތުގެ އޮފިޝަލުން ބައިވެރިވާނެކަމަށް އެޤައުމުގެ އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
2019 ގެ ރިޔާސީ އިންތިޚާބާއި ބެހޭ މަޢުލޫމާތު ޙިއްސަކުރައްވާ ވެރިރަށް ކޮލޮމްބޯގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ކޮމިޝަނަރ ޖޭއޭއެސްޕީ ޖަޔަސިންހާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކަންކަން އިންތިޒާމުކުރުމުގައްޔާއި އަދި އިންތިޚާބު ކުރިޔަށްދާ ދުވަހު އެކި ކަންކަން ކުރުމަށް ސަރުކާރުގެ އޮފިޝަލުން ތަމްރީނުކޮށް އެކަމަށް ފުރިހަމަޔަށް ތައްޔާރުވެފައިވާކަމަށެވެ.
ޖަޔަސިންހާ ވިދާޅުވީ، ޤައުމުގެ އެކިކަންކޮޅުތަކުގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގެ އެކިކަންކަން ބެލެހެއްޓުމަށް 98،000( ނުވަދިހަ އަށްހާސް) ސަރުކާރުގެ އޮފިޝަލުން އަދި ހަމައެކަނި ވޯޓު ކަރުދާސް ގުނުމުގެ މަސައްކަތަށް 48،000(ސާޅީސް އަށްހާސް)ސަރުކާރުގެ އޮފިޝަލުން ޙަރަކާތްތެރިވާނެކަމަށެވެ.
އަދި އިންތިޚާބުގެ ކަންކަން އިންތިޒާމުކުރުމުގައި ކަންކަން ވިލަރެސް ކުރުމަށް އުފައްދާފައިވާ ކޮމިޓީތަކުގައި 10،000(ދިހަ ހާސް) އޮފިޝަލުން ބައިވެރިވާނެކަމަށެވެ. އިންތިޚާބަށް ޚާއްޞަކޮށްފައިވާ ކޮމިޓީތަކުގެ ތެރޭގައި ވެލްފެއަރ އަދި ޓްރާންސްޕޯޓް ކޮމިޓީ ހިމެނެއެވެ.މީގެ އިތުރަށްވެސް ބޭނުންވާ އެހެނިހެން ކަންކަމުގައި އެހީތެރިވުމަށް 10،000(ދިހަ ހާސް) އޮފިސަރުންގެ ޕޫލެއްވެސް އެކުލަވާލާފައިވާކަމަށް ޑެޕިއުޓީ ކޮމިޝަނަރ ޖޭއޭއެސްޕީ ޖަޔަސިންހާ ވިދާޅުވިއެވެ.
ޖަޔަސިންހާ ވިދާޅުވީ ވޯޓުލާ ކޮންމެ މަރުކަޒެއްގައި މަދުވެގެން 8 އޮފިސަރުން ޙަރަކާތްތެރިވާނެކަމަށާއި، ވޯޓުލާ މަރުކަޒުގެ ނިޞްބަތަށް ބަލާ، އިތުރު އޮފިސަރުންގެ ޑިއުޓީގައި ބައިތިއްބަން ވިސްނާފައިވާކަމަށެވެ.
ސްރީލަންކާގެ 8 ވަނަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. މިއީ ސްރީލަންކާގެ ތާރީޚުގައިވެސް ވެރިކަމުގައި އޭރު ހުންނަވާ ރައީސަކާއި ،ބޮޑުވަޒީރާއި، އިދިކޮޅު ލީޑަރު ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާ ފުރަތަމަ ފަހަރެވެ.
ސްރީލާންކާގެ މިހާރުގެ ރައީސްގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ.
ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ 35 ބޭފުޅުންނެވެ. އެއީ ސިޔާސީ ޕާޓިތަކުން 20 ކެންޑިޑޭޓުންނާއި އަމިއްލައަށް ވާދާކުރައްވާ 15 ކެންޑިޑޭޓުންނެވެ.