މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އޮތޯރިޓީން މުވައްޒަފުން ވަކިކުރާ މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަންގެ ބޭފުޅުންނާއި އެ މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
ފަރުވާކުޑަވެގެން ކަމަށް ބުނެ ޓްރާންޕޯޓް މިނިސްޓްރީން 11 މުވައްޒަފަކު ވަކިކުރަން ނިންމައި، އެ މުވައްޒަފުންނަށް ވަނީ ނޯޓިސް ދީފައެެވެ. އޭގެ ތެރޭގައި 11 އަހަރާއި 18 އަހަރާ ދެމެދު އެ މިނިސްޓްރީގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ހިމެނެއެވެ.
ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަށް ފެންވަރުގެ ހިދުމަތްދޭ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްްޓަރ އައިޝަތު ނަހުލާ ވަނީ ދާދީ ފަހުން ވިދާޅުވެފައެެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީން ވަނީ އެ މުވައްޒަފުންނާއި އެކު ނުރަސްމީ ބައްދަލުވުން ތަކެއް ބާއްވާ އެމީހުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވާފައެވެ.
އާދިއްތަ ދުވަހު އެ މައުލޫމާތުތައް ކޮމިޓީގައި ހާމަކުރައްވަމުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ، އެ މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ތިންވަނަ ދަރަޖައިގެ ނޯޓިސް އެއް ދިނުން ކަމަށެވެ. އަދި މީގެ ކުރިން އެފަދަ އެއްވެސް އިންޒާރެއް ނުދީ ތިންވަނަ ދަރަޖައިގެ އަދަބެއް ދިންކަން އެމީހުން ފާހަގަކޮށްފައިވާ ކަމަށް ހުސެއިން މުހައްމަދު ވިދާޅުވިއެވެ.
އެ މުވައްޒަފުން ވަކިކުރަން ނިންމީ ސިޔާސީ ނުފޫޒުން ކަމަށް ތުހުމަތު ކޮށްފައިވާ ކަމަށްވެސް ހުސައިން މުހައްމަދު ވިދާޅުވިއެވެ.
އެ ބޭފުޅުން ތުހުމަތު ކުރައްވާ ސިޔާސީ ގޮތުން ކުރައްވާފައި އިން ކަމެއްގެ ގޮތުުގައި ނުފޫޒު ފޯރުވައިގެން ކޮންމެވެސް ފަރާތެއްގެ ނުފޫޒެއް ހުރެގެން އެބޭފުޅުން ވަޒީފާއިން ވަކިކޮށްފައިއިން ކަމަށް ތުހުމަތު ކުރައްވާހުސައިން މުހައްމަދު ދީދީ ~ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ~
ހުސައިން މުހައްމަދު ވިދާޅުވީ، ނޯޓިސް ދީފައިވަނީ ހާޒިރީގެ މައްސަލަ ހުރި ފަރާތްތަކަށް ކަން ހާމަވެފައިވާ ކަމަށެވެ.
އެ ބަހުސްގައި ބައިވެރިވެ ވާހަކަ ދައްކަވަމުން ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވީ، އެ މުވައްޒަފުން އެ މައްސަލަ ސިވިލް ސާރވެންޓުންގެ ބެލެނިވެރި ފަރާތްކަމަށްވާ ސިވިލް ސާރވީސް ކޮމިޝަނަށް ހުށައެޅުމުން އެ ކޮމިޝަނުން ބުނެފައިވަނީ އެ މީހުން ވަކި ކޮށްފައިވަނީ ސިޔާސީ ގޮތުން ނަން ފޮނުވީމާ ކަމަށެވެ.
ކާނަލް ނާޒިމް ވިދާޅުވީ، އެއީ ސިވިލް ސާވީސް ކޮމިޝަނުން ދޭން ޖެހޭ ފަދަ ޖަވާބެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެ މައްސަލަ އާއި ގުޅިގެން މުވައްޒަފުން ހާޒިރުކޮށް އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް ސީއެސްސީން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ސިވިލް ސާވީސް ކޮމިޝަނާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެ ފަރާތުގެ ވާހަކަ އަށް ބަލަން ޖެހޭ ކަން ފާހަގަކުރައްވަމުން ނާޒިމް ވަނީ ހުށައެޅުންތަކެއް ކޮމިޓީ އަށް ހުށައަޅާފައެވެ. އެއީ، ސީއެސްސީގެ މެމްބަރުންނާއި ޓްރާންސްޕޯޓް މިނިސްޓްރީގައި ސީއެސްސީގެ ފަރާތުން ހުންނަވާ ޕާމަނެންޓް ސެކެރެޓަރީ ހާޒިރުކޮށް އެ މައްސަލަ ބެލުމުގެ އިތުރަށް އެ މައްސަލަ ކޮމިޓީން ބަލައި ނިމެންދެން އެ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް މަޑު ޖެއްސުމަށް ކޮމިޓީން އަމުރެއް ނެރެދިނުމަށެވެ.
ނަމަވެސް އެ ކަމަކީ ކޮމީޓީގެ އިހްތިސާސުގައި ހިމެނޭ ކަމެއް ނޫންކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވުމުން، ނާޒިމް ހުށައެޅުއްވީ، ސީއެސްސީގެ މެމްބަރުންނާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސް ކޮމިޓީއަށް ހާޒިރުކުރުމަށެވެ. އެ ނިންމުން ފާސްކޮށްފައިިވަނީ ކޮމިޓީގެ އަޢުލަބިއްޔަތުންނެވެ.